ދަރިފުޅުގެ ކައިވެނި ހޮސްޕިޓަލުގައި، ސޯދުބޭގެ ހިފެހެއްޓުމެއް ނެތް ޝުކުރު އައިޖީއެމްއެޗަށް

ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ޞާދިގު (ސޯދުބެ) އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮތް ކޮޓަރީގައި އޭނާގެ އެންމެ ހަގު ދަރިފުޅު، ރައުފަތު ޞާދިގުގެ ކައިވެނި ކުރުން--- ފޮޓޯ/ އައިޝަތު ނަދުހާ

ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ޞާދިގު (ސޯދުބެ) އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮތް ކޮޓަރީގައި އޭނާގެ އެންމެ ހަގު ދަރިފުޅު، ރައުފަތު ޞާދިގުގެ ކައިވެނި ކުރުމަށް، މަގުފަހި ކޮށްދެއްވި ކަމަށްޓަކައި އެ ހޮސްޕިޓަލަށް، ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރައްވާ ކަމަށް ސޯދުބެ މިއަދު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ރައުފަތުގެ އަލަތު ކައިވެނި ކުރުމުގެ ހަފްލާ ބޭއްވީ ސޯދުބޭ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮތް ކޮޓަރީގައެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ ސޯދުބެ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެންމެ ހަގުދަރިފުޅު ކައިވެނި ކުރަން ދެ ހަފުތާއަށް ވެފައިވާ ވަނިކޮށް ހާލު ދެރަވެގެން އޭނާ ހޮސްޕިޓަލަށް ގެނައި އިރުއްސުރެ މިއަދާ ހަމައަށް ހޮސްޕިޓަލުން ކޮށްދެއްވި މިންނެތް މަސައްކަތަކީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމެއް ކަމަށެވެ.

ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ޞާދިގު (ސޯދުބެ) އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮތް ކޮޓަރީގައި އޭނާގެ އެންމެ ހަގު ދަރިފުޅު، ރައުފަތު ޞާދިގުގެ ކައިވެނި ކުރުން--- ފޮޓޯ/ އައިޝަތު ނަދުހާ

ސޯދުބެ ވިދާޅުވީ އޭނާއަކީ އެ ހޮސްޕިޓަލުގެ "ފްރީކުއަންޓް ކަސްޓަމާ ޑިސްކައުންޓް" ލިބެންޖެހޭ މީހެއް ކަން ޔަގީން ވެއްޖެ ކަމަށެވެ.

"މި ވޯޑުގައި ނުބާއްވާ ކޮޓަރިއެއް ނެތެވެ. މި ހޮސްޕިޓަލުން އަޅުގަނޑަށް ފަރުވާ ނުދެއްވާ ނަރުހެއް، ޑޮކްޓަރެއް ވެސް މަދުވާނެ ކަން ޔަގީން. ނަމަވެސް އެހެން ފަހަރުތަކާ ޚިލާފަށް، މި ފަހަރު ވެގެން މި ދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. ތާ އަބަދު ހަނދާނުގައި ކަނޑައި ނެގިފައިވާ ފަހަރަކަށް،" ސޯދުބެ ވިދާޅުވިއެވެ.

ސޯދުބެ ވިދާޅުވީ އުމުރުން މިހާ ހިސާބަށް އާދެވުނު އިރުވެސް ނުފެންނަ އޯގާތެރިކަމެއް ހޮސްޕިޓަލުން މިފަހަރު ފެނުނު ކަމަށެވެ. އަދި ގެއާ ދުރުގައި ހުންނަން ޖެހުނު ހިނދު މިފަހަރު އަނބުރާ ދާހިތް ނުވި ކަމަށްވެސް ސޯދުބެ ވިދާޅުވިއެވެ.

މައިގަނޑު ސަބަބެއްގެ ގޮތުގައި ސޯދުބެ ފާހަގަ ކުރެއްވީ ހޮސްޕިޓަލުން ދިން ލޯތްބާއި ދިން ޚިދުމަތާއި، ހިތާ އަމަލުން ފެނުނު ކުލުނެވެ.

"ތިޔަ ދެއްވި ހަލުވި ފަރުވާގެ އިތުރަށް އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅުގެ ކައިވެނި ވެސް މިތަނުގައި ކުރުމަށް މަގުފަހި ކޮށްދެއްވި ކަމަށްޓަކައި ހޮސްޕިޓަލުގެ އިސް ވެރިންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން،" ސޯދުބެ ވިދާޅުވިއެވެ.

ސޯދުބެ ވިދާޅުވީ އެ ދުވަސް ފެނި، އެ އުފަލުގައި ބައިވެރިވެވުނީ ވެސް ހޮސްޕިޓަލުގެ ޚިދުމަތްތެރީންގެ ސަބަބުން ކަމަށެވެ.

އެކަމާ ގުޅިގެން ސޯދުބޭގެ ހަގު ދަރިފުޅު ރައުފަތު ވިދާޅުވީ ހޮސްޕިޓަލުން ވެދިން އެހީތެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އަދި ބައްޕައަށް ދިން ލޯތްބާ ދިން ޚިދުމަތް، ޚާއްސަކޮށް ރެސްޕިރޭޓަރީ ޑިޕާޓްމަންޓުން ދިން ޚިދުމަތަށް ޝުކުރުދަންނަވާ ކަމަށް ރައުފަތު ވިދާޅުވިއެވެ.

comment ކޮމެންޓް