މަޖިލީހުގެ ދެން ފެށޭ ދައުރުގައި ބިދޭސީންގެ މިނިމަމް ވޭޖް ކަނޑައެޅުމަށް ގޮވާލައިފި

އަލިފާންގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީން-- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ

ބިދޭސީން މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ރައްޔިތުންގެ މަޖިލީހުން ދެން ފެށޭ ދައުރުގައި ފާސްކޮށް ދައުލަތުން އެކަން ކަށަވަރު ކުރުމަށް، މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީ މަސައްކަތްތެރިން ދިރިއުޅުމަށް ހަދާފައިވާ ގިނަ ތަންތަނަކީ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގެ މިންގަނޑުތަކަށް ފެތޭ ތަންތަން ނޫން ކަމަށެވެ.

ބިދޭސީން ދިރިއުޅުމަށް ހަދާފައިވާ ތަންތަނުގައި ގާއިމް ކުރަންޖެހޭ ސަލާމަތީ މިންގަނޑުތައް ގާއިމް ނުކޮށް، ތަންފީޒުކުރަންޖެހޭ ގަވާއިދުތައް ތަންފީޒު ނުކުރުމަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގެއްލި އަނިޔާ ލިބުމަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ކަށަވަރު ކޮށްދެވިފައިނުވާއިރު އެފަދަ ކޮންމެ ހާދިސާއަކާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބަޔާނުގައި ވަނީ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަންތަކުގައި ހުންނަންޖެހޭ އެންމެ ދަށް މިންވަރު ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަން ތޯ ޔަގީން ކުރުމަށް ގޮވާލާފައެވެ. އަދި އެ މިންގަނޑުތަކަށް ނުފެތޭނަމަ އެކަށީގެންވާ ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ވެސް ގޮވާލާފައިވެއެވެ.

ހަމަ އެހެންމެ ބިދޭސީ މަސައްކަތް ތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ރައްޔިތުންގެ މަޖިލީހުގެ ދެން ފެށޭ ދައުރުގައި ފާސްކޮށް ދައުލަތުން އެކަން ކަށަވަރު ކުރުމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް އަބުރުވެރި ދިރިއުޅުމެއް އުޅޭވޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް ބަޔާނުގައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ބިލު ފާސްކޮށް، ވީހާ ވެސް އަވަހަކަށް ގެޒެޓް ކުރުމަށް ގޮވާލާފައިވެއެވެ.

ބަޔާނުގައި ބުނީ މަސައްކަތްތެރިންނަށް މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުންތަކަށް ހައްގު ބަދަލު ލިބިދެވޭނެ ނިޒާމު ވީ އެންމެ އަވަހަކަށް ގާއިމް ކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކުއްލި ހާލަތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިތިއްބާނެ ފެސިލިޓީ ގާއިމް ކުރަން ޖެހޭ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނީލަން ފިހާރަ ހިމެނޭ ސަރަހައްދަކީ މާލެ ސިޓި ކައުންސިލުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދިރިއުޅޭ އަދި ސްކޫލުތަކާއި އާންމު ޚިދުމަތްދޭ ތަންތަން ހިމެނޭ ސަރަހައްދަކަށް ވާއިރު އެއީ އެ ސަރަހައްދުގައި ހިނގި 10 ވަނަ އަލިފާނުގެ ހާދިސާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.

comment ކޮމެންޓް