އޮޅިގެން ވެސް ގޯހެއް ނުހެދޭހާ އިންތިޚާބު އިންސާފުވެރިވާނެ: ފުއާދު

އޭޕްރީލް 19، 2021: އިލެކްޝަން ކިމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ އިންސާފުވެރިކަން ކަށަވަރު ކުރުމަށްޓަކައި އޮބްސާވަރުންނަށް އެންމެ ފުޅާދާއިރާއެއްގައި އިންތިޚާބީ ކަންކަން އޮބްސާވް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އެހެން އިންތިޚާބުތަކެކޭ އެއްފަދައިން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރާއްޖެއާއި ބޭރު ގައުމުތަކުގެ އޮބްސާވަރުންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

"އޮބްޒާވަރުންނަށް އަޅުގަނޑުމެން ވަރަށް ހޫނުކޮށް މަރުޚަބާ ކިޔަން. ހުރިހާ ސިޔާސީ ޕާޓީތަކަކަށް ވެސް ފުރުސަތު ހުޅުވާލާނަން، ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި މީހަކު ބަހައްޓަން ބޭނުންފުޅިއްޔާ އެކަންވެސް ކުރެއްވޭ ގޮތަށް. މީޑިއާއަށް ވެސް ފުރުސަތު އަރުވާނަން." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭރުގެ މީޑިއާތަކަށް ވެސް އިންތިޚާބު އޮބްޒާވް ކުރެއްވުމަށް ދައުވަތުދެއްވާނެ ކަމަށެވެ. އެކަމުގެ ސަބަބުން އޮޅިގެން ވެސް އިންތިޚާބީ ކަމެއް ގޯސްކޮށް ނުދާނެކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ވީހާވެސް ގިނަ ގައުމުތަކުން އައިސްގެން، ވީހާ އޯޕަންކޮށް ބެއްލެވުން [ބޭނުންވަނީ]... އެ ބޭފުޅަކު ވަޑައިގަންނަވަން ބޭނުންފުޅު ދާއިރާއަކަށް ވަޑައިގެން [އުތުރަށް ވިޔަސް، ދެކުނަށް ވިޔަސް] އެބޭފުޅަކު ބޭނުން ހިސާބެއްގައި [އޮބްސާވް ކުރެއްވޭނެ" ފުއާދު ވިދާޅުވިއެވެ.

"ބޭނުންވަނީ ވެސް ވީހާ ގިނަ ބަޔަކު ވީހާ ރަނގަޅަކަށް އޮބްސާވް ކުރައްވަން. އޭރުން އޮޅިގެން ވެސް މިސްޓޭކެއް ނުހެދޭނެ"

އޭނާ ވިދާޅުވީ އޮބްޒާވަރުންނަށް މިނިވަންކަމާއެކު ފުޅާ ދާއިރާއެއްގައި އޮބްޒާވް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުން އިންތިޚާބުގެ އިތުބާރު ބޮޑުވާނެ ކަމަށެވެ. އަދި، ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި އިންތިޚާބު ކުރިޔަށް ގެންދިއުމަށް އޭގެ ސަބަބުން ފުރުސަތު ފަހިވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

އިންތިޚާބު ބާއްވާނެ ސީދާ ތާރީހެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ. އެކަމަކު، ސެޕްޓެމްބަރު މަހުގެ 2 ނުވަތަ 9ގައި އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާނެ ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް