މީރާ ފަޅާލި މީހާއަށް ހުކުމް އިއްވީ އެހެން މައްސަލައެއްގައި ހައްޔަރުކުރި ދުވަހު

ކުށުގެ ވެށިން އަތުލައިގަތް މީހަކު ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ --- ސަން ފައިލް ފޮޓޯ

މިދިޔަ އޮގަސްޓް މަހު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނެގި މީހާ ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އެހެން މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނިކޮށްކަން ހާމަވެއްޖެއެވެ.

މީރާ އޮފީސް ފަޅާލައި އެ ތަނުން ވައްކަން ކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ދަންވަރެވެ. އެ މައްސަލައިގައި ހައްޔަރުކުރި ސ. ހިތަދޫ، ދެކުލައަރާގެ، މުޙައްމަދު އަސްލަމްއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. އެ ދެ މައްސަލައަށް ވެސް އަސްލަމް އިއުތިރާފުވެފައިވާއިރު އޭނާ ބުނެފައިވަނީ އެއީ އޭނާ މަސްތުގެ ހާލަތުގައި ހުރެ ކުރި ކަމެއް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރުކޮށް 29 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަދި އިއްޔެ އޭނާ ހައްޔަރުކޮށްފައިވަނީ މުދަލަށް ގެއްލުންދީ ވައްކަންކުރި ކަމުގެ ތުހުމަތުގައެވެ. ބަންދަށް 15 ދުވަސް ވެސް ކްރިމިނަލް ކޯޓުން އިތުރު ކޮށްދިނެވެ.

އިއްޔެ އަސްލަމް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނިކޮށް ވަނީ މީގެ ކުރިން އުފުލި ދެ ދައުވާގެ ހުކުމް އިއްވާފައެވެ.

އެގޮތުން މުދަލަށް ގެއްލުންދިންކަމުގެ ކުށް ސާބިތުވުމުން އޭނާއަށް އިއްވާފައިވަނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިިތުވުމުން އިއްވާފައިވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ޖުމްލަ ހަތަރު މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އަސްލަމްގެ މައްޗަށް އިއްވި ނަމަވެސް އެ މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ދެން ތަންފީޒުކުރަން ޖެހޭނީ, ތިން މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ސ. ހިތަދޫ، ދެކުލައަރާގެ، މުޙައްމަދު އަސްލަމްއަށް އެތަނުން ގެންދެވިފައިވަނީ އެންމެ 25 ރުފިޔާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް