އޭޖީއިން އަންގައިގެން، އެއްވެސް ވަކީލެއްގެ މައްސަލައެއް ނުބަލަން: ބާ ކައުންސިލް

ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް--- ފޮޓޯ

ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އެންގުމަށް ބާ ކައުންސިލުން އެއްވެސް ވަކީލެއްގެ މައްސަލަ ބަލަމުން ނުދާ ކަމަށް އެ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް މިރޭ ވިދާޅުވެއްޖެއެވެ.

އޭޖީގެ އެންގުމަށް ބާ ކައުންސިލުން އިދިކޮޅުގެ ވަކީލުންގެ ހައްގުތަކަށް އަރައިގަތުމަށް މަޝްވަރާކުރަމުންދާ ކަމަށް އިދިކޮޅުން ކުރި ތުހުމަތުތައް އިންކާރު ކުރައްވާ 'ސަން'އާ ވާހަކަ ދައްކަވަމުން ވިޝާމް ވިދާޅުވީ އެފަދަ އެންގުމެއް ބަންޑާރަނައިބުގެ އޮފީހުން އަންގާފައި ނުވާ ކަމަށެވެ.

"އެއްވެސް ސިޔާސީ ކުލައެއް ޖެހިގެން ނުވަތަ އޭޖީގެ އެންގުމަށް ވަކީލުންގެ މައްސަލައެއް މި ކައުންސިލަކުން ނުބަލަން،" ވިޝާމް ވިދާޅުވިއެވެ.

ވިޝާމް ވިދާޅުވީ އެހެން ނަމަވެސް އެއްވެސް ވަކީލެއްގެ މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ ބާ ކައުންސިލުން ބަލާނެ ކަމަށެވެ. މައްސަލަ ބެލި ނަމަވެސް އެ މައުލޫމާތު މިހާރު ހާމަ ނުކުރާ ކަމަށް ވިޝާމް ވިދާޅުވިއެވެ. ސަބަބަކީ އޭގެ ސަބަބުން މައްސަލަ ބަލަމުންދާ ވަކީލަކާ މެދު މީހުން ދެކޭ ގޮތް ތަފާތުވެގެން ދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވަކީލުންނަށް ބިރުދެއްކުމުގެ ގޮތުން ބާކައުންސިލުން މިހާރު އެ ކޯލިޝަންގައި ހިމެނޭ ދެ ވަކީލެއްގެ މައްސަލަ ބަލަން ތައްޔާރުވަމުން ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން ލޯޔަރު އާދަމް އާސިފް އާއި ލޯޔަރު މުޙައްމަދު ރާޣީބް އަހުމަދުގެ މައްސަލަ ބެލުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކޯލިޝަންގެ ބަޔާނުގައިވެއެވެ. އޭގެ އިތުރުން އާސިފްގެ މައްސަލަ ބަލަނީ ސީދާ ކްރިމިނަލް ކޯޓުގެ އެންގެވުމަށް ކަމަށް ތުހުމަތު ކޮށް، ބަޔާނުގައި ބުނީ ރާޣިބް ގެ މައްސަލަ ބަލަނީ އެޓާނީ ޖެނެރަލްގެ އިސްނެގުމުގެ މަތިން ބާކައުންސިލުން ކަމަށެވެ.

އެހެންކަމުން އެ ކޯލިޝަންގެ ލީގަލް ޓީމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ހެދިފަހުރި ޤާނޫނު ތަކާ ޚިލާފް ނުވާނެ ގޮތުގެ މަތިން ފާޅުކުރަމުންދާ ޚިޔާލުތަކަށް ހުރަސް އަޅާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި މިސަރުކާރާއި ގުޅިގެން ބާ ކައުންސިލުން ކުރަމުންދާ މަސައްކަތަކީ ޢައިރު ދުސްތޫރީ މައްސަލަ ތަކެއްކަމަށްވާތީ އެ މަސައްކަތް ކުށްވެރިކޮށް އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް، އެ ކޯލިޝަނުން ގޮވާލާފައިވެއެވެ.

comment ކޮމެންޓް