ހުޅުމާލޭ ގޮނޑުދޮށުގައި އިންސާނެއްގެ ކަށިތަކެއް، މައްސަލަ ބަލަނީ

ހުޅުމާލެ -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ރެޑްބުލް ބީޗު ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ކަމަށް ޝައްކު ކުރެވޭ ބައިތަކެއް ފެނުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ބައިތައް ފެނިފައިވަނީ މިއަދު ހަވީރު 05:38 ހާއިރު ކަމަށެވެ. އަދި އެކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދު އިންސާނެއްގެ ކަށިތަކެއް ކަމަށް ޝައްކުކުރެވޭ ކަށިތަކެއް ފެނިފައިވާއިރު ދާދި ފަހުން ވ. އަތޮޅުގެ ވެމްޕަރު ފަޅު, ބޭރު ކަނޑުން ވެސް އިންސާނެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

އެއީ ކާކުކަން ދެނެގަނެވިފައިނުވާއިރު ކަނޑުގައި އޮވެ ގިނަ ދުވަސް ވުމުގެ ސަބަބުން އެއީ ކާކުކަން ދެނެނުގަނެވޭ ވަރަށް ހަށިގަނޑު އޮތީ ކުނިވެފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް އޭރު ވިދާޅުވީ ކަނޑުން ފެނުނު ހަށިގަނޑަކީ ކާކުތޯ ބެލުމަށް ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ނަމަވެސް އެކަމަށް ވަރަށް ގިނަ ވަގުތު ނަގާނެ ކަމަށެވެ.

އެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީއެންއޭ ހަދަން ފަށާފައިވާ އިރު ނިމިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން، ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެ ތެރެއިން ނިޒާމް ކިޔާ މީހާ މާލެއިން ފެނިފައިވާ އިރު ލިޓަން، އަދިވެސް ނުފެނެއެވެ.

ލިޓަން ގެއްލިގެން ހޯދަމުން ދަނިކޮށް ވެމްޕަރު ފަޅުން ފެނުނު މަރުވެފައި އޮތް މީހާގެ ހަށިގަނޑަކީ އޭނާކަމަށް ފުލުހުން ލަފާ ކުރާކަން "ސަން" އަށް ވަނީ އެނގިފައެވެ. ނަމަވެސް މުޅިން ޔަގީން ވާނީ ޓެސްޓްތަކަށް ފަހުގައެވެ.

އެ ހާދިސާއާ ގުޅޭގޮތުން ގިނަ ސުވާލު ތަކެއް އުފެދިފައިވީ ނަމަވެސް މާ ގިނަ މައުލޫމާތުތަކެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިހާތަނަށް ކަންވެފައިވާ ގޮތާއި ލިޓަންގެ އެކުވެރިންގެ ވާހަކަތަކަށް ބަލާއިރު ވެސް އަދި ފުލުހުންގެ ތަހުގީގަށް ބަލާއިރު ވެސް މި މަރުގެ ތުހުމަތު ކުރެވެނީ ނިޒާމްގެ މައްޗަށެވެ. ލިޓަންއަކީ ވަރަށް ފައިސާ ގެންގުޅޭ މީހަކަށް ވާއިރު މިއީ ފައިސާގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ވެސް ކުރެވޭ ތުހުމަތު ބޮޑެވެ. މަރުގެ މައްސަލައެއްގެ ތުހުމަތުގައި ނިޒާމް މިހާރު ހުރީ ބަންދުކޮށްފައެވެ.

comment ކޮމެންޓް