މިދިޔަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް 22.04 ބިލިއަން ރުފިޔާ ލިބުނު

ދައުލަތުގެ ޓެކްސް އިދާރާ-- ފޮޓޯ/ސަން

މިދިޔަ އަހަރު ދައުލަތުގެ ޓެކްސް އިދާރާއަށް ޓެކްސް އާއި ފީގެ ގޮތުގައި ބަލައިގަތް އާމްދަނީގެ އަދަދު 22 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނެރެފައިވާ މިދިޔަ ޑިސެމްބަރުމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު މީރާ މެދުވެރިކޮށް 22.04 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޑިސެމްބަރުމަހު އެކަނިވެސް މީރާއަށް ޓެކްސް އާއި ފީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މިއީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހާ އަޅާބަލާއިރު، 27.4 އިންސައްތަ އިތުރުވުމެކެވެ.

ޑިސެމްބަރު މަހު ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން 1.16 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އަދަދެވެ. އަނެއް 1.4 ބިލިއަން ރުފިޔާއަކީ ޓެކްސް ނޫން ފީގެ ގޮތުގައި ލިބުނު އަދަދެވެ.

ޑިސެމްބަރުމަހު ޓެކްސްގެ ގޮތުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ:

  • ޖީއެސްޓީ: 882.3 މިލިއަން ރުފިޔާ
  • އިންކަމްޓެކްސް: 130.5 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް: 75 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިޕާޗާ ޓެކްސް: 62.3 މިލިއަން ރުފިޔާ

ޑިސެމްބަރުމަހު ފީގެ ގޮތުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ:

  • ކުއްޔަށް ހިފާފައިވާ ބިންތަކުގެ މުއްދަތު އިތުރުކޮށްދީގެން: 882 މިލިއަން ރުފިޔާ
  • ޓޫރިޒަމް ލޭންޑް ރެންޓް: 359.9 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 63.8 މިލިއަން ރުފިޔާ

މިދިޔަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް ޓެކްސް އާއި ފީގެ ގޮތުގައި 22.04 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސަރުކާރުން މީގެކުރިން ލަފާކޮށްފައިވަނީ މިދިޔަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށެވެ.

މިދިޔަ އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ކަށަވަރު ވާނީ ފިނޭންސް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ މާލީހިސާބުތައް ހާމަކުރުމުންނެވެ.

comment ކޮމެންޓް