ޙަމަދު ބިން ހަލީފާ އަލް ޘާނީ ސްކޫލަށް 12 ކްލާސްރޫމް އިތުރުކުރަނީ

އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމް. ކޮންޓްރެކްޓް ހަވާލުކުރި ވީއަވާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު ސަދީމް އިބްރާހިމް--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ލ.ގަމުގައި ހުންނަ ޙަމަދު ބިން ހަލީފާ އަލް ޘާނީ ސްކޫލްގެ 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކުރުމަށް، މިއަދު ވީއަވާ އިންވެސްޓްމެންޓް ކުންފުންޏާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ. އަދި ކޮންޓްރެކްޓް ހަވާލުކުރި ވީއަވާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު ސަދީމް އިބްރާހިމްއެވެ.

އެ މަޝްރޫއާ ގުޅޭގޮތުން 'ސަން' އާ ވާހަކަދައްކަވަމުން ގަމު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ސްކޫލުގައި ކްލާސްރޫމުތައް މަދު ވުމުން ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

އެގޮތުން އެއް ދަންފަޅިއަށް ކިޔަވައިދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އާ ކްލާސްރޫމުތަކާއެކު އެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ މިހާރު ވެސް އެއް ކްލާހެއްގައި ގިނަ އަދަދެއްގެ ކުދިން ކިޔަވަންޖެހި، ޖާގައިގެ ދަތިކަން އެބަހުރި ކަމަށެވެ. އަދި މިއަދު ހަވާލު ކުރެވުނު އެ މަޝްރޫއާއެކު އެކަމަށް ވެސް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަނުން ބުނީ މަސައްކަތް ހަވާލުކުރީ 400 ދުވަސްތެރޭގައި ނިންމާގޮތަށް ކަމަށެވެ. އަދި އެ މަޝްރޫއަށް 13.3 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.

comment ކޮމެންޓް