ބައެއް މީހުން ކަންތައް ކުރާ ގޮތުން ބަހުގެ ޝެޑިއުލަށް ބުރޫ އަރާ: އާޒިމް

މާލޭގައި މިނީ ބަހުގެ ދަތުރުތައް ފެށުން -- ސަންފޮޓޯ/ ނާއިލް ހުސައިން

ބައެއް މީހުން ގަސްތުގައި މަގުމަތީގައި ކުރާ ކަންކަމުން ބަހުގެ ޝެޑިއުލަށް ބުރޫ އަރައި، ވަގުތަށް ކުރަން ޖެހޭ ދަތުރުތައް ލަސްވާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ކޮންޓެކްޓްލެސް މަސްޓާކާޑާއި ވިސާ ބްރޭންޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން މިނީ ބަހަށް ފައިސާ ދެއްކުމުގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބަހަށް އުނދަގޫވާގޮތަށް ބައެއް މީހުން އަމަލުކުރާކަމަށް ބުނެ އާޒިމް ވިދާޅުވީ، ބަސް ދަތުރަކީ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށެވެ. އަދި ދަތުރުތަށް ރާވާފައިވާނީ ވަކި ވަގުތަކަށް ތަނަކަށް ދާން ބޭނުން މީހެއް ނަމަ ވަގުތަށް ދެވޭ ގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

"ބަހަށް އިންޓެރެކްޓްވާ ކަހަލަ ގޮތްގޮތަށް އަމަލުތައް ހިންގާކަމަށް ވަންޏާމުން ވަރަށް ބައިވަރު މީހުނަށް ދަތިވޭ އެބަ،" އޭނާ ވިދާޅުވިއެވެ.

ބަހަށް ދަތިވާގޮތަށް މަގުމަތީގައި މީހުންގެ އަމަލުތަށް ބަހައްޓާކަމުގެ ޝަކުވާ ވެސް އެމްޓީސީސީއަށް ލިބޭކަމަށް އާޒިމް ވިދާޅުވިއެވެ.

"ދާންވާ ތަނަކަށް ތިމަންނައަކަށް ނުއެއް ދެވެއޭ. ބަސް އަންނަންވާ ގަޑިއަަކަށް ނާދެއޭ. މިކަހަލަ ކޮމްޕްލެއިންސް އެބަ އާދޭ،" އޭނާ ވިދާޅުވިއެވެ.

ބްރިޖުމަތީ ބަސް ދަތުރުކުރަނިކޮށް ބަހަށް ދަތިވާގޮތަށް ބަހުގެ ކުރިމަތީ ކާރެއް ދުއްވި ވީޑިއޯއެއް ވެސް މީގެކުރިން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މިފަދަ އަމަލުތަށް ހިންގުމުގެ ސަބަބުން ބަހަށް ވަގުތަށް ދަތުރުނުކުރެވޭކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތައް ވީހާވެސް އަވަހަކަށް ހުއްޓުމަށް ވެސް އޭނާ ގޮވާލިއެވެ.

comment ކޮމެންޓް