މަހުމޫދު ނުމަރަން، އިއުތިރާފުވީ ބުނެގެން: ސާލިމް

މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސާލިމް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި --

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު އެރަށު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލިކަމަށް އިއުތިރާފުވުމުން މަރަން ހުކުމް ކޮށްފައިވާ ބަންގަލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) އޭނާ ވެފައިވާ އިއުތިރާފުން ރުޖޫއަވާން ބޭނުންވާ ކަމަށް ބުނެފިއެވެ.

އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލައިފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ.

ސާލިމް ވަނީ ޝަރީއަތުގައި ދެ ދައުވާއަށް ވެސް އިއުތިރާފުވެފައެވެ.

ސާލިމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ވަނީ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ސާލިމް ބުނީ އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އިއުތިރާފްވީ ދިފާއީ ވަކީލާއި ތަރުޖަމާނު ވެސް އެކަމަށް އެދުމުން ކަމަށެވެ. ބަދަލުގައި އޭނާ ޑީޕޯޓް ކޮށްދިނުމަށް އެއްބަސްވި ކަމަށް ވެސް ސާލިމް ބުންޏެވެ.

އެކަމަކު، މަހުމޫދު މަރާލުމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ސާލިމް މިއަދު ވަނީ ބުނެފައެވެ.

އިއުތިރާފް އަނބުރާ ގެނައުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ސާލިމަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދީފައެވެ. އެހެންވެ، ދެން އޮންނަ އަޑުއެހުމެއް ކުރިއަށް ގެންދާނީ ވަކީލުގެ ހާޒިރުގައެވެ.

މަހްމޫދު މަރާލާފައިވަނީ ވަޅިންނާއި، ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން، މެޔާއި ކަރަށް ހަމަލާދީގެން ކަމަށް ދައުވާގައި ވަނީ ބުނެފައެވެ. އަދި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށެވެ. އަދި، އެކަން ކުރީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ވެސް ސާލިމް ކުރިން ވަނީ އެއްބަސްވެފައެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް ފުލުހުންނަށް އޭނާ ފެނިފައިވަނީ ވަޅެއްގެ ތެރެއިންނެވެ.

އެ މައްސަލައިގައި ސާލިމް މީގެ ކުރިން ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަކޮށްދޭން އެދިފައެވެ. ނަމަވެސް ހުރިހާ ވާރިސުން ވެސް މަރަށްމަރު ހިފަން ބޭނުންވާތީ ދައުލަތުން ނިންމައިފައިވަނީ އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށެވެ.

comment ކޮމެންޓް