އިންޑޮނޭޝިޔާއަށް 7.7 މެގްނިޓިއުޑުގެ ބިންހެލުމެއް، ރާއްޖެއަށް އަސަރު ކުރާނެ ކަމަކަށް ނުބެލެވޭ: މެޓް

އިންޑޮނޭޝިޔާގެ ޓަނިންބާ އައިލެންޑްސްއަށް އައި ދާދި ދެންމެއަކު އައި 7.7 މެގްނިޓިއުޑުގެ ބިންހެލުމެއް--- ފޮޓޯ/ މިރާ.ކޯ.ޔޫކޭ

އިންޑޮނޭޝިޔާގެ ޓަނިންބާ އައިލެންޑްސްއަށް އައި ދާދި ދެންމެއަކު އައި 7.7 މެގްނިޓިއުޑުގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ބިންހެލުން އައިސްފައިވަނީ މާލެއާ 6,418 ކިލޯ މީޓަރު ދުރަށް ކަމަށެވެ.

އެ ބިންހެލުމާ ގުޅިގެން ރޮއިޓާސްއިން ބުނީ އެއީ 7.7 މެގްނިޓިއުޑުގެ ބާރު މިނުގައި، 97 ކިލޯމީޓަރު އަޑިއަށް އައި ބިންހެލުމެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

އިންޑޮނޭޝިޔާއަށް ދާދި ފަހުން ވެސް ބިންހެލުމެއް އައިސްފައިވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އައި އެ ބިންހެލުން އައީ ސުމަތުރާގެ ޕަރިއަމަން ސިޓީގެ ހުޅަނގު ދެކުނުން 170 ކިލޯމީޓަރު ދުރަށް ކަމަށް ގުދުރަތީ ހާދިސާތައް ބަލާ، އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރާ ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނެފައިވެއެވެ. އަދި އެއީ 5.9 މެގްނިޓިއުޑުގެ ބާރު މިނުގައި، 18 ކިލޯމީޓަރު އަޑިއަށް އައި ބިންހެލުމެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އެރުމުގެ ނުރައްކަލެއް ނެތް ކަމަށާއި އެއްވެސް ބަޔަކަށް އަނިޔާވެ، ތަނަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓު އަދި ނުލިބޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ކުރިއެވެ. އެގޮތުން މާލޭގެ ބައެއް އިމާރާތްތަކަށް ވަނީ ލޮޅުން އަރައިފައެވެ.

އިންޑޮނޭޝިޔާއަށް ބިންހެލުން އައުމަކީ ވަރަށް އާއްމު ކަމެކެވެ. މިހާތަނަށް ދިވެހި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާ ކަމަށްވާ ސުނާމީ ވެސް 2004 ވަނަ އަހަރު އެރީ އިންޑޮނޭޝިޔާއަށް އައި ބިންހެލުމެއްގެ ސަބަބުންނެވެ.

comment ކޮމެންޓް