މާލޭގެ ނީލަން ފިހާރައިގައި ރޯވި އަލިފާން ގަނޑު ފެތުރި ޖެހިގެން ހުރި ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކަމޮޑޭޝަން ބްލޮކްގައި ރޯވުމުން އެ ކައުންސިލްގެ މަސައްކަތްތަކަށް ބުރޫ އަރައިފިއެވެ.
ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފައެވެ.

ނީލަން ފިހާރައިގައި ރޯވެ އަނދަނީ --- ސަން ފޮޓޯ/ އަހްމަދު އިޒްމީމް
އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ސިޓީ ކައުންސިލުގެ 166 މުވައްޒަފުން މިވަގުތު ތިބީ އިމާދުއްދީން ސްކޫލުގައި ވަގުތީ ބޯހިޔާވަހިކަމުގައެވެ.
އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ކައުންސިލުގެ މަސައްކަތްތަކަށް ބުރޫއަރާނެ ކަމަށެވެ.
އެގޮތުން އެ ބްލޮކުގައި އުޅެމުންދިޔައީ މަގުމަތީގެ އެކި މަސައްކަތްތަކުގައި އުޅޭ މުވައްޒަފުން ކަމަށާއި މަގުތަކުގެ ކާނުތައް ސާފުކުރުމާއި، ކުނި އުފުލުމާއި އެހެން މަސައްކަތްތައް ކުރާ މުވައްޒަފުން އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ މުވައްޒަފުން ގެންގުޅުނު ހުރިހާ މުދާތަކަށް ގެއްލުން ވަނީ ވެފަ. ހަމައެގޮތަށް ނަފުސާނީ ގޮތުން ވެސް އެ މުވައްޒަފުންނަށް އެކި ގެއްލުންތައް ލިބިފައިވާނެތީ މިވަގުތު އެ މުވައްޒަފުން މަސައްކަތަށް ނެރުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ކައުންސިލަކުން ނުދެކެން،" އޭނާ ވިދާޅުވިއެވެ.

އިމާދުއްދީން ސްކޫލުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެނީ ---
މުއިއްޒު ވިދާޅުވީ އަނދާ ހުލިވި އެކޮމޮޑޭޝަން ބްލޮކުގައި ތިބި މުވައްޒަފުން ބަދަލުކުރެވޭނެ ތަނެެއް ހޯދުމަށް އެ ކައުންސިލުން ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުން މިކަމުގައި އެހީތެރިކަން ހޯދުމަށް އެދިފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ހެންވޭރު ބޯޅަ ދަނޑުން 16 މީހުންގެ އެކޮމޮޑޭޝަން ހަމަޖެހޭނެކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ ހުޅުމާލެއިން ބިދޭސީ މުވައްޒަފުންގެ އެކޮމެޑޭޝަން ހަމަޖެއްސުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓުން ކުރަމުންދާކަމަށެވެ.
"ހުޅުމާލެ އެއީ ޑޭޓުޑޭ މަގުމަތީގެ މަސައްކަތް ކުރާ މުވައްޒަފުންނަށް ވަރަށް ދުރު،" މުއިއްޒު ވިދާޅުވިއެވެ.
ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މިހާރު އެންމެ އިސްކަމެއް ދީގެން ކައުންސިލުން ކުރަމުން ދަނީ މުވައްޒަފުންގެ ކެއިން ބުއިމުގެ ކަންކަން ހައްލުކޮށްދިނުމުގެ މަސައްކަތެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާދުއްދީން ސްކޫލުގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާއިރު ސިޓީ ކައުންސިލުގެ މުވައްޒަފުން ހިމެނޭހެން 250އަށް ވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން އެ ސްކޫލުގައި ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.