ޓެރަރިޒަމްގެ މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި 'ފަހު އިންޒާރު' ދީފި

އެ އޮޕަރޭޝަނުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން، ޓެރަރިސްޓު ޖަމިއްޔާ އައިއެސްއާ ގުޅި ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނުކަން ހާމަވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގައި، އައްޑޫ ސިޓީން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި، އިންޒާރު ދީފިއެވެ.

އެ މީހުން ދޫކޮށްލަން ގޮވާލައި އިންޒާރު ދީފައިވާ ގަނޑުތަކެއް، މިއަދު އައްޑޫގެ ބައެއް ތަންތަނުގައި ވަނީ ހަރުކޮށްފައެވެ.

އެ ލިޔުންތަކުގައި ވަނީ އައްޑޫ ސިއްސުވާލަނީ ކަމަށެވެ. އަދި ލޭ އޮހޮރުވުމަކަށް ނުގޮސް އަމާން ދިނުމަށާއި އަޚުންތައް ދޫކޮށްލުމަށެވެ.

"މިއީ އެންމެ ފަހުގެ އިންޒާރު!" ލިޔުންތަކުގައިވެއެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

ޓެރަރިޒަމްއާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލުމަށް ހައި ކޯޓުން އަމުރުކުރުމާ ގުޅިގެން ފާއިތުވި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އޭނާ ދޫކޮށްލުމަށްފަހު އަނެއްކާ ވެސް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

އައްޑޫ ސިޓީގެ އިތުރުން މާލެއާއި ކ. ގުރައިދޫގައި މިދިޔަ މަހު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިންގި އެ އޮޕަރޭޝަނުން، ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން، ޓެރަރިސްޓު ޖަމާއަތް، އައިއެސްއާ ގުޅި، ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ނުރައްކާކުރަން އުޅުނުކަން ހާމަވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް