މަނާކޮށްފައި ވަނިކޮށް ނީލަން ފިހާރައިގެ ވިޔަފާރި އަނެއްކާ ވެސް ފަށައިފި

ނީލަން ފިހާރައިގައި މީހަކު މަސައްކަތް ކުރަނީ: މަނާކޮށްފައި ވަނިކޮށް އެ ސަރަހައްދުގައި އަލުން ވަނީ ވިޔަފާރި ފަށައިފައި-- ސަން ފޮޓޯ: ޝާތިއު

މާލޭގެ ދެކުނު ފަރާތުގައި ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހިންގަމުން އަންނަ ނީލަން ފިހާރައިގެ ވިޔަފާރި ސިޓީ ކައުންސިލުން ހުއްޓުވާފައި ވަނިކޮށް އަނެއްކާ ވެސް ފަށައިފިއެވެ.

އިމާދުއްދީން ސްކޫލްގެ ފުރަގަހުގައި ފުލުހުން ހިންގާ ޓްރެފިކް ގަރާޖާ ޖެހިގެން އޮންނަ، އެ ނީލަން ފިހާރާގައި އެކި ކަހަލަ ނީލަން މުދާ ވިއްކުމާ ގުޅިގެން އެތައް ފަހަރެއްގެ މަތިން މާލޭ ސިޓީ ކައުންސިލުން ވަނީ އެތަން ހުސްކުރުމަށް އަންގާފައެވެ. އެއީ މީގެ ކުރިން އެ ސަރަހައްދުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާތީ ޢާންމު ޝަކުވާ ކުރާތީއެވެ.

ނީލަން ފިހާރައިގައި މީހަކު މަސައްކަތް ކުރަނީ: މަނާކޮށްފައި ވަނިކޮށް އެ ސަރަހައްދުގައި އަލުން ވަނީ ވިޔަފާރި ފަށައިފައި-- ސަން ފޮޓޯ: ޝާތިއު

އެންމެ ފަހުން ނީލަން ފިހާރަ ސަރަޙައްދު ހުސްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

ނަމަވެސް މިހާރު އަނެއްކާ ވެސް ހުއްދަ ނެތި އެ ސަރަހައްދުގައި ދަނީ ވިޔަފާރި ކުރަމުންނެވެ. އެގޮތުން މީހުން އުކާލާ ކުނީގެ ތެރޭގައި ހުންނަ ބޭނުން ކުރެވޭ ޒާތުގެ ތަކެތި ހޮވައިގެންނާއި އެހެން ގޮތްގޮތުން އެކި އެއްޗެހި އެ ތަނަށް ގެނެސް ވިއްކަމުން އެބަދެއެވެ.

މިކަމާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒް ވިދާޅުވީ އެ ސަރަޙައްދުގެ މަގުތަކުގައި ނީލަން މުދާ ވިއްކަން ފަށާފައިވަނީ އެ ކައުންސިލްގެ ހުއްދައާ ނުލާ ކަމަށެވެ.

ނީލަން ފިހާރައިގައި މީހަކު މަސައްކަތް ކުރަނީ: މަނާކޮށްފައި ވަނިކޮށް އެ ސަރަހައްދުގައި އަލުން ވަނީ ވިޔަފާރި ފަށައިފައި-- ސަން ފޮޓޯ: ޝާތިއު

އެ ސަރަހައްދުގައި ވިއްކަމުން ދަނީ އެކި ތަންތަނުން ވަގަށް ނަގާފައިވާ ތަކެތި ކަމަށް ވެސް ރަމީޒް ތުހުމަތު ކުރެއެވެ. އަދި މިކަން ކުރަމުން ދަނީ ކުށުގެ ވެށީގައި އުޅެމުންދާ މީހުން ކަމަށް އޭނާ ބުނެއެވެ.

ރަމީޒް ވިދާޅުވިގޮތުގައި އާންމުންގެ ފަރާތުން އެކަމާ ގުޅިގެން ލިބެމުންދާ ޝަކުވާތަކާ ގުޅިގެން އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މި މައްސަލަ ހުއްޓުވުމަށްޓަކައި އެކި ފަހަރުމަތިން އެތަނަށް ގޮސް މީހުން ފޮނުވާލާފައި ވާނެ ކަމަށާއި އެހެން ނަމަވެސް އެކަން ނުހުއްޓާ ކަމަށް ރަމީޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދު ބަންދުކޮށްގެން ނޫނީ އެ ކަމަށް ހައްލެއް ނުލިބޭނެ ކަމަށާއި ޕްލޭނިން މިނިސްޓްރީން އެކަމަށް ހުއްދަ ދިންހާ އަވަހަކަށް އެކަން ކުރާނެ ކަމަށެވެ.

comment ކޮމެންޓް