މިސްކިތްތައް މަރާމާތު ކުރަން ސަލާންޖަހަން ލަދު ގަންނަންޖެހޭ: ނާޒިމް

ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް --- ފޮޓޯ/ މަޖިލިސް

މިސްކިތްތައް ބެލެހެއްޓުމަށް، މާލޭ ސިޓީ ކައުންސިލުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތައް ބަލައިނުގަނެވޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު، މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ރައީސްކަން ވެސް ކުރައްވާ ނާޒިމް، ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މުސްލިމު ދައުލަތެއްގައި މިސްކިތްތައް މަރާމާތުކުރުމަށް ފައިސާ ނެތުމަކީ ބޮޑުވެގެންވާ ލަދެއް ކަމަށާއި ނާޒިމް ފައިސާ އިސްރާފްނުކޮށް ބޭނުންތެރި ކަންކަމަށް ފައިސާ ހަރަދުކުރަންޖެހޭ ކަމަށެވެ.

"ސިޓީ ކައުންސިލުން މިސްކިތްތައް ބަލަހައްޓަން ކަމަށް ބުނެ ފައިސާ ހޯދުން ބަލައިނުގަންނަން." އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ، ކުރިއަށް އޮތް ރަމަޞާން މަހަށް މާލޭ ސިޓީގެ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމަށް ބޭނުންވާ ތަކެއްޗާއި، ފައިސާ ހޯދުމަށް މިދިޔަ ހުކުރުދުވަހު ހާއްސަ ހަރަކާތެއް ފަށާފައެވެ. މި ހަރަކާތުގެ ތެރެއިން މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތަށް އެހީވާން ބޭނުންވާ މީހުނަށް ތަކެއްޗާއި، ފައިސާގެ އެހީ ދިނުމަށް ބޭނުންވާ މީހުނަށް އެފުރުސަތު ހުޅުވާލިއެވެ.

"ޗާލު މިސްކިތް" ނަމުގައި ރޭގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަރަކާތަށް ޖުމްލަ 744713.90 ރުފިޔާ ލިބިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ބުނެފައިވަނީ، މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ނިންމާފައިވަނީ ސަރުކާރުން މިސްކިތްތައް ކައުންސިލާ ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލައި ކަމަށްވުމުން ކަމަށެވެ. އަދި މިސްކިތްތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު އެތަންތަން ބެލެހެއްޓުމަށް ރަނގަޅު ފަންޑެއް ބޭނުންވާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ، މިސްކިތްތަކުގެ މެއިންޓެއިން މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭގޮތަށް ނުކުރެވޭކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މިހާރުވެސް ޖުމްލަ 34 މިސްކިތް އެބަ ހުއްޓެވެ. މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްގެ ޒިންމާއެކެވެ.

comment ކޮމެންޓް