"ތާއީދު އޮތީ ނަޝީދަށް، ސަރުކާރުގެ ފަރާތުން ކުޅުދުއްފުއްޓާމެދު ފެނިފައި ވަނީ ގަޔަށް ދޫ ސިޔާސަތެއް"

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ފަރާތްޕުޅުން ކުޅުދުއްފުއްޓާމެދު ފެނިފައި ވަނީ ވަރަށް ގަޔަށް ދޫ ސިޔާސަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ފޭސްބުކް މެދުވެރިކޮށް ޔާސިރު ވިދާޅުވީ, މި ފާއިތުވެދިޔަ ހަތަރު އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރަށް އެއްބާރުލުން ދެއްވިކަމަށެވެ.

ޚާއްސަކޮށް ކުޅުދުއްފުށީގެ ތަރައްޤީއަށް އަދުގެ ސަރުކާރަށް ދޭން ޖެހުނު ހުރިހާ އެއްބާރުލުމެއް ދެއްވި ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހުގެ ފަރާތްޕުޅުން ކުޅުދުއްފުއްޓާމެދު ފެނިފައި ވަނީ ވަރަށް ގަޔަށް ދޫ ސިޔާސަތެއް ކަމަށް ޔާސިރު ވިދާޅުވިއެވެ.

"އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023 ގައި ރައީސް ސޯލިހަށް ކުރި ތާއީދު އަނބުރާ ގެންގޮސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރުމަށް ނިންމައިފިން،" ޔާސިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު، މެމްބަރު ޔާސިރުގެ މަންމައާއެކު--- ފޮޓޯ

އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަކީ ވިސްނުމާއި، އިލްމާއި ހިލްމު އަދި ބުންވަރާއި، ހިތްވަރަށް ބެލިކަމުގައި ވިޔަސް، ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ފަހަތަށް އަރައިވަޑައިގެންކަން މެމްބަރު ޔާސިރު ހާމަކުރެއްވިއިރު، އޭނާގެ އިތުރުން އެ ސިޓީގެ މޭޔަރު، މުޙައްމަދު އާތިފް ވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

އާތިފް ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރަކާއި ހަތަރު އަހަރުގެ ސަރުކާރެއް ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ. އަދި އެ ތަޖުރިބާއަށް ބެލުމަށްފަހު ކުޅުދުފުއްޓަށް އެންމެ ބޮޑު ތަރައްގީއަކާއި ހެޔޮ ބަދަލެއް ގެނެވިފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައިކަން ހާމަވެގެން ގޮސްފިކަމަށް އާތިފް ވިދާލުވިއެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ ގިނަ ރައްޔިތުން މިއަދު ވެސް ތިބީ އެފަދަ ހަލުވި ތަރައްގީއަކަށް ފެންބޮވައިގެންފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް އެންމެ މުހިއްމުވާ ކަމަކީ ރައްޔިތުންގެ މަސްލަހަތާއި ކުޅުދުއްފުށީގެ ކުރިއެރުމާއި ތަރައްގީ ކަމަށްވާތީ މިއަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރަން ނިންމައިފިން،" މުޙައްމަދު އާތިފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް ޞާލިހު ވާދަކުރައްވައެވެ. މި މަހު 28ގައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންދާއިރު ދެ ބޭފުޅުންގެ ކެމްޕެއިން ވެސް ވަނީ ފައްޓަވާފައެވެ. އަދި ދެ ބޭފުޅުން ވެސް ދަނީ ކެމްޕެއިން ޖަލްސާތައް ބާއްވާ، ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.

comment ކޮމެންޓް