ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރުން، ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މިވަގުތު ގެންނަންޖެހިފައިވާ ބަދަލު ގެނައުމަށް މަގުފަހިވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ، ރ. އަލިފުށީ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ފުއްދައިދީ، އެމީހުންގެ ހައްގުތައް ލިބިދެވޭނެ ޚާއްސަ އިންތިޒާމުތަކެއް، ދައުލަތުގެ ފަރާތުން ހަމަޖައްސައިދިނުމަކީ، ހަމައެކަނި އިޖުތިމާއީ އަދާލަތާ ގުޅިފައިވާކަމެއް ނޫންކަމަށެވެ. އެއީ މުޅި މުޖުތަމަޢަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ ދައުލަތުގެ ފަރާތުން ހަމަޖައްސާ އެފަދަ އިންތިޒާމުތަކާއި، ކަނޑައަޅާ އުސޫލުތައް، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކި ގޮތްގޮތުން ވެދޭ އެހީތެރިކަމަކީ ވެސް މުޖުތަމަޢުގެ ފަރުދުންނަށްޓަކައި ކުރެވޭ ކަމަކަށްވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރެދާނެ. ނަމަވެސް، އެއީ މުޅިން ނުކުޅެދޭ މީހެއްކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެ. އެފަދަ ކޮންމެ މީހެއްގެ ކިބައިގައިވެސް، މުޅި މުޖުތަމަޢުގެ މަސްލަހަތާ ގުޅިފައިވާ އެހެން ކުޅެދުންތެރިކަމެއް ހުރެދާނެ. އަދި އެއީ، ބައެއް ކަންކަމުގައި، އެހެން މީހުންނަށްވުރެ މާ ގާބިލް މީހަކަށްވެސް ފަހަރެއްގައި ވެދާނެ،" ރައީސް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ، ރ. އަލިފުށީ ސްކޫލުގައި ބޭއްވި ޖަލްސާ--- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ އަހަރަކު އެއްފަހަރު ބާއްވާ ރިވެލި މައުރަޒުން އެކަން ވަރަށް ރަނގަޅަށް ސާބިތުވެގެންދާ ކަމަށެވެ. އެގޮތުން އެންމެފަހުން ބޭއްވި މައުރަޒުގައި ވެސް، 93 ބައިވެރިން، ތަފާތު ފަސް ދާއިރާއަކުން އެ ބޭފުޅުންގެ ހުނަރުވެރިކަމާއި ގާބިލުކަން ދައްކުވައިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭގެ ތެރޭގައި، ވަރަށް ހުނަރުވެރި އަތްތެރި މަސައްކަތްތެރިން އެބަތިބި ކަމަށެވެ. އަދި އަމިއްލަ އީޖާދުތަކަށް އެއްޗެހި ތައްޔާރު ކުރައްވާ ހުނަރުވެރިންނާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ކުރެހުމުގެ ދާއިރާއިންވެސް ވަރަށް ފާހަގަކޮށްލެވޭ ހުނަރުވެރިން އެބަ ތިބި ކަމަށް ރައީސް ވިދާޅުވީ.
"މިފަދަ މަޢުރަޒުތަކުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު މެސެޖެއް ލިބިގެންދޭ. އެއީ، ނުކުޅެދުންތެރިކަމެއް ހުއްޓަސް، އެމީހެއްގެ ކިބައިގައި ހުރި ހުނަރުތަކުގެ ބޭނުން ހިފޭނެ ފުރުސަތު އަޅުގަނޑުމެން ފަހިކޮށްދޭންޖެހޭކަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޖުތަމައުންވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލައިގަނެ، އެމީހުންނަށް އެކަށީގެންވާ ފުރުސަތު ހޯދައިދެވިއްޖެނަމަ، އެމީހުންގެ ބޭނުން މުޖުތަމައަށް ހިފޭނެ ކަމަށެވެ. އެފަދަ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މިހާރުވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މިރޭ އިފްތިތާހުކުރި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަކީ، އެ މަސައްކަތުގެ ވަރަށް މުހިންމު ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މަޢުލޫމާތު، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބެލެހެއްޓުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ދަފްތަރުން ކޮށްދޭނެ އެންމެ މުހިންމު ކަމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ފުރިހަމަ ރަޖިސްޓްރީއެއް ތައްޔާރު ކުރުން ކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ކުދިން، ވަކި ކެޓަގަރީތަކަކަށް ބަހާލައި، އެއިން ކޮންމެ މީހެއްގެ ހާލަތު ވަކިން ފާހަގަކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުަމށް މިރޭ، ރ. އަލިފުށީ ސްކޫލުގައި ބޭއްވި ޖަލްސާ--- ފޮޓޯ/ ރައީސް އޮފީސް
އޭގެ އިތުރުން ކޮންމެ މީހަކަށް ބޭނުންވާނެ އެހީތެރިކަމާއި، އެހީ ދޭންޖެހޭނެ މިންވަރާއި، ދޭންޖެހޭނެ ޚިދުމަތްތައް ވެސް އެ ދަފްތަރުން ކަނޑައެޅި ފާހަގަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދަފްތަރު ގާއިމުކުރުމުގެ އަނެއް ބޭނުމަކީ، ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ކުދިންގެ މައުލޫމާތުތައް ވެސް، އެ ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް، ދުވަހުން ދުވަހަށް އަދާހަމަކުރަމުން ގެންދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގާނޫނެއްގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީއާއި، އެހެނިހެން އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުން، އެ ދަފްތަރުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މިވަގުތު ގެންނަންޖެހިފައި އޮތް ބަދަލު ގެނައުމަށް، މި ދަފްތަރުން މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. މި ގެނެވޭ ބަދަލު އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅުގަނޑުމެން ހާމަކުރާނަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހިކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީ، އެ މީހެއްގެ ހާލަތަށް ރިޢާޔަތްކޮށް ދޭންޖެހޭ ޚިދުމަތްތައް، އެ މީހަކު ދިރިއުޅޭ ވެށިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ. އެ ޚިދުމަތް ދިނުމަށްޓަކައި، މިހާތަނަށް ހަތަރު އަތޮޅެއްގައި، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައިގެން ޚިދުމަތް ދެވޭނެ މީހުން ތަމްރީން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އަދި ތެރަޕިއުޓިކް ފަރުވާއަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ވެސް މެދުކެނޑުމެއްނެތި މިހާރު ކުރިއަށް ދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަމެއް ނެތަސް، މުޖުތަމައުގެ ލޯތްބާއި، އަޅައިލުމާއި، އޯގާތެރިކަން ބޭނުންވާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށެވެ. އެއީ، މުސްކުޅި މައިންބަފައިންނާއި، ގާތްތިމާގެ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެފަދަ ބައެއް މީހުން މިއަދުވެސް ތިބީ، ޢާއިލާގެ ލޯބިން މަޙްރޫމްވެފައި. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެފަދަ ބައެއް މީހުން މިއަދުވެސް ތިބީ، އެ މީހުންގެ ގާތްތިމާގެ މީހުން، އެމީހުން ބަލައި އަންނާނެ ވަގުތެއްގެ އިންތިޒާރުގައި،" ރައީސް ވިދާޅުވިއެވެ.
އެމީހުން މިއަދު ލޯބޯކޮށިވެ، ގައިބާރު ދެރަވެފައި ތިއްބަސް، އެމީހުންގެ ގާތްތިމާގެ މީހުން ދިރިއުޅެމުން އެ ދަނީ، މިއަދު ނިކަމެތި ވެފައި ތިބި މީހުން ކޮށްދިން ޚިދުމަތްތަކާއި، ދިން އެހީތެރިކަމުގެ ސަބަބުން ކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ސަބަބަށްޓަކައި ވެސް، އެމީހުންނަށް އެހީތެރިވެ، ޢާއިލާގެ ތެރެއަށް ގެންދިޔުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.