ރޮނާލްޑޯ، ސައުދީއަށް ތައުރީފުކުރުމުން އެމްނެސްޓީގެ ފާޑުކިޔުން

އަލް ނަސްރުން ރޮނާލްޑޯ އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ރެކޯޑު މުސާރައެއްގައި ސައުދީ އަރަބިއްޔާގެ ފުޓުބޯޅަ ކުލަބު، އަލް ނަސްރަށް ސޮއިކުރުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޮ ސައުދީއަށް ތައުރީފުކޮށް ވާހަކަދައްކާތީ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ، އެމްނެސްޓީއިން ފާޑުކިޔައިފިއެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ އަލް ނަސްރާ ގުޅުނީ ދެ އަހަރާއި ބައިގެ މުއްދަތަކަށް، އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައެއްގައެވެ. މި މުއްދަތުގެ ތެރޭގައި އޭނާއަށް 400 މިލިއަން ޔޫރޯއަށްވުރެ ބޮޑު އާމްދަނީއެއް މުސާރައިގެ ގޮތުގައި ލިބޭނެއެވެ.

އެ ޓީމަށް ބަދަލުވުމަށްފަހު، ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އަދި އޭގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރޮނާލްޑޯ ވަނީ ސައުދީއާއި އެ ގައުމުގެ ރައްޔިތުންނަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ.

ހާއްސަކޮށް އޭނާއާއި އޭނާގެ އާއިލާއިން ސައުދީއަށް އައުމުން، ސައުދީގެ ރައްޔިތުންނާއި ޓީމުގެ ސަޕޯޓަރުން އަދި ވެރިން އޭނާއާމެދު ބެހެއްޓި ގާތްކަމަށް އަދި އޭނާއަށްކީ މަރުޚަބާއަސް ރޮނާލްޑޯ ވަނީ ޝުކުރުއަދާކޮށްފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރޮނާލްޑޯ ސައުދީއަށް ތައުރީފުކޮށް ވާހަކަދެއްކުމުން، އެމްނެސްޓީގެ މެދުއިރުމަތީގެ ރިސާޗަރ، ޑަނާ އަހްމަދު ވަނީ ނުރުހުން ފާޅުކޮށް، ރޮނާލްޑޯއަށް ފާޑުކިޔާފައެވެ.

"ސަޢޫދީ އަރަބިއްޔާއަށް ފާޑުކިޔުމެއް ނެތި ތަޢުރީފު ކުރުމުގެ ބަދަލުގައި، ރޮނާލްޑޯ އޭނާއަށް ލިބޭ ޕްލެޓްފޯމްތަކުގެ ބޭނުންކޮށްގެން އެޤައުމުގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތަކަށް ސަމާލުކަންދީ، އެކަން ހާމަކުރަންޖެހޭ". ޑަނާ އަހްމަދު ބުނެފައިވެއެވެ.

އަދި މީހުން މެރުމާއި، ރޭޕް ކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާތިކުރުން ފަދަ ކުށްތަކަށް ސައުދީގައި އަދިވެސް މަރުގެ އަދަބުދޭ ކަމަށާއި، މިދިޔަ އަހަރުގެ ތެރޭގައި އެއް ދުވަހެއްގެ މަތިން 81 މީހަކަށް މަރުގެ އަދަބުދީފައިވާތީ، އެކަމަށް ވެސް އޭނާ ފާޑުކިޔާފައިވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އަކީ އިސްލާމީ ގައުމުތަކުގައި އިސްލާމީ ޝަރީޢާއާ އެއްގޮތަށް ހުކުމްތައް ތަންފީޒުކުރާތީ، އެކަމަށް ނުހަނު ގިނައިން ފާޑުކިޔާ ޖަމިއްޔާއެއްކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް