ބޭބެއަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ ލަމްހާ ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ދޫކޮށްލައިފި

ބޭބެގެ ބޮލަށް ވަޅި ހެރި މައްސަލައިގައި ހައްޔަރު ކުރި ކޮއްކޮ --- ސަން ފޮޓޯ/ ނަހުދާ ފާއިޒް

މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހެންވޭރު ގެއެއްގައި ހިނގި ހަމަނުޖެހުމެއްގައި، ބޭބެއަށް ވަޅިން ހަމަލާދިން އަންހެން މީހާ ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ، އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 25 އަހަރުގެ ލަމްހާ ނަސީރު، ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. އެ ކޯޓު އަމުރުގައިވާގޮތުން އޭނާ ވަނީ މަސްތުވާތަކެތީގެ ބާވަތަކަށް ވެސް ޕޮޒިޓިވްވެފައެވެ.

އެ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން އެ މަރާމާރީއަކީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގައިދިޔަ ކަމެއްކަން އެނގިފައިވާކަމަށެވެ.

އެ މާރާމާރީގައި ޒަޚަމްވި 37 އަހަރުގެ މީހާއަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ ސެނެހިޔާ ހޮސްޕިޓަލަށެވެ. އޭގެފަހުން އޭނާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ މައްސަލަ ފުލުހުން ދަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް