ރާއްޖެ ޓީމުގެ ކޯޗުކަން ކުރަން ފަސޭހައެއް ނޫން: ގައުމީ ކޯޗު

ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއެރޯ --ފޮޓޯ/އެފްއޭއެމް

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ ބުރަ ބޮޑު މަސައްކަތެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މޮރިއޭރޯ ނިސްބަތްވާ އިޓަލީގެ "ލަ ރިޕަބްލިކާ" ނޫހަށް ދިން އިންޓަވިއުގައި އޭނާ ބުނީ ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ ހީކުރި ވަރަށްވުރެ އުނދަގޫ މަސައްކަތެއް ކަމަށެވެ.

އޭނާ ބުނީ އޭނާގެ މަސައްކަތަށް އެންމެ ބޮޑު އުނދަގޫކަމެއް ކުރިމަތިވަނީ ރާއްޖޭގެ ކުޅުންތެރިންނަކީ އެހެން ވަޒީފާތަކުގައި އުޅެމުން ކުޅުމަށް ވަގުތު ހުސްކުރާ ކުޅުންތެެރިންނަށް ވުމެވެ.

"އަހަރެން ކޯޗު ކޮށްދެނީ ޕްރޮފެޝަނަލް ކުޅުންތެރިންނަކަށް ނޫން. އެމީހުންނަކީ އެހެެން ވަޒީފާތަކުގަ އުޅެމުން ކުޅޭ ކުޅުންތެރިން" މޮރިއޭރޯ ބުންޏެވެ.

ދިވެހި ޓީމުގެ ކުޅުންތެރިންނަކީ ކުރިއަރަން ގަދައަޅާ މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ކަމަށް ވީނަމަވެސް ފުޓުބޯޅައިގެ ނަޒަރުން ބަލާއިރު އެފަދަ ކުޅުންތެރިންނަށް ކޯޗުކަން ކޮށްދިނުމަކީ އުނދަގޫ ކަމެއް ކަމަށް ކޯޗު ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގައި ހޭދަ ކުރާ ދުވަސްތަކުގައި އޭނާގެ އާއިލާއާ ދުރުގައި އުޅެން ޖެހުމުން ވެސް އޭނާއަށް އުނދަގޫވާކަމަށެވެ.

"އަހަރެންގެ އާާއިލާ އަހަރެންގެ ކައިރީގައި ނުހުރެވޭ. އަހަރެންގެ ހުރޭ ތިން ކުދިން. އެންމެ ކުޑަ ކުއްޖާ ސުކޫލަށް ދޭ. އެހެންވެ އެ މީހުންނަކަށް ނާދެވޭ" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމު ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި މިދިޔަ މަހުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ ވަނީ ކޮންޓްރެކްޓް އާކޮށްފައެވެ.

މޮރިއޭރޯ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މިހާތަނަށް ވަނީ 11 މެޗެއް ކުޅެފައެވެ.

އޭގެތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. އަދި އަނެއް ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ރާއްޖެ މޮޅުވީ މި އަހަރު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ސްރީލަންކާ އަތުންނާއި ސެޕްޓެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ބްރުނާއީ ދާރުއްސަލާމާއި ލާއޯސް އަތުންނެވެ.

ރާއްޖެ ބަލިވީ މިދިޔަ އަހަރުގެ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުންނާއި މި އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ތައިލެންޑާއި އުޒްބެކިސްތާންއާ ދެކޮޅަށް ކުޅުނު މެޗުތަކުގެ އިތުރުން ޑިސެމްބަރު މަހު ސިންގަޕޫރާއި މެލޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ.

އެއްވަރުވީ މިިދިޔަ އަހަރު ނޮވެމްބަރު މަހު ފޯ ނޭޝަންސް ކަޕްގައި ސްރީލަންކާ އާއި ސީޝެލްސްއާ ދެކޮޅަށް ކުޅުނު ދެ މެޗުގައެވެ.

މޮރިއޭރޯގެ އިރުޝާދުގެ ދަށުން މިއަހަރު ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކަށް ރާއްޖެ ނިކުންނާނެއެވެ. އަދި މިއަހަރު އޮންނަ ސާފު ޗެމްޕިއަންޝިޕް މުބާރާތަކީ ވެސް ރާއްޖެއަށް މުހިންމު މުބާރާތެކެވެ.

comment ކޮމެންޓް