ރަޝިޔާއިން ޔޫކްރޭންގެ 200 ސިފައިން މަރާލައިފި

ރަޝިއާގެ އަސްކަރީ ތަރުޖަމާނު

މޮސްކޯ (4 ޖަނަވަރީ 2023): ޔޫކްރޭނުން އަންގާރަ ދުވަހު ދިން ކުއްލި ހަމަލާތަކެއްގައި ރަޝިޔާގެ 80އަށްވުރެ ގިނަ ސިފައިން މަރުވުމާ ގުޅިގެން ރަޝިޔާ އިން ޔުކްރެއިން އަށް ދިން ރައްދު ހަމަލާތަކުގައި ޔޫކްރެއިންގެ 200 ސިފައިން މަރާލައި ޔުކްރެއިންގެ ގިނަ އަދަދެއްގެ ހަތިޔާރު ހަލާކުކޮށްލައިފިއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު އިގޫރު ކޮނަޝިންކޯ ވިދާޅުވީ އިއްޔެ ރަޝިއާގެ 80 އަށްވުރެ ގިނަ ސިފައިންމަރުވީ އެމެރިކާ ސެޓަލައިޓް ބޭނުންކޮށްގެން ޔުކްރެއިންއަށް ފޯރުކޮށްދިން ޖާސޫސީ މައުލޫމާތުގެ އަލީގައި ދޮނިޔެކްސްގައި ރަޝިއާ ސިފައިން ޖަމާވެފައިވާތަނަކަށް ޔުކްރެއިންއިން ކުއްލި ހަމަލާ ތަކެއް ދިނުމުންނެވެ.

ހަމަލާތައް ދީފައިވަނީ އެމެރިކާއިން ޔުކްރެއިންއަށް ފޯރުކޮށްދީފައިވާ "ހައިމާސް" ބޭނުންކޮށްގެން ޔޫކްރެއިނުން ހަތަރު ފަހަރެއްގެ މަތިން ދޮނިޔެކްސްގައި ރަޝިއާ ސިފައިން ޖަމާވެފައިވާ ތަންތަނަށް ހަމަލާތައް ދިން ކަމަށާއި މި ހަމަލާތަކުގައި ރަޝިއާގެ 89 ސިފައިން މަރުވިކަމަށް ރަޝިއާގެ އަސްކަރީ ތަރުޖަމާނު ވިދާޅުވިއެވެ. ދޮނިޔެކްސް އަކީ ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގާ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދެކެވެ.

ތަރުޖަމާނު ވިދާޅުވީ މިހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން މިއަދު ރަޝިއާ ދިން ހަމަލާތަކުގައި ޔުކްރެއިންގައިވާ އެމެރިކާގެ "ހައިމާސް" މަރުކާގެ މިސައިލް ނިޒާމުގެ ހަތަރު ނިޒާމު ހަލާކުކޮށްލުމުގެ އިތުރުން ޔުކްރެއިންގެ 200އަށްވުރެ ގިނަ ސިފައިން މަރާލާފައިވާ ކަމަށެވެ.

ބަދަލުހިފުމުގެ ހަމަލާތައް ދިނީ ވަރަށް އެކިއުރޭޓް މިސައިލްތައް ބޭނުންކޮށްގެންކަމަށް ރަޝިއާގެ މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ރަޝިއާގެ ހަމަލާތައް އަމާޒުކުރީ ދޮނިޔެސްކްގައި ޔުކްރެއިން ސަރުކާރުން ކޮންޓްރޯލްކުރާ ދޮޒޮކޮވްކާ ސަރަހައްދުގައި ތިބި ޔުކްރެއިންގެ ސިފައިންނާއި އެތަނުގައި ހަރުކޮށްފައިވާ "ހައިމާސް" މަރުކާގެ ނިޒާމުތަކަށް ކަމަށް ރަޝިއާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޔުކްރެއިންގެ ކުއްލި ހަމަލާތަކެއްގައި ރަޝިއާގެ މިހާ ގިނަ އަދަދެއްގެ ސިފައިން މަރުވުމުން ރަޝިއާގެ އެތެރެއިން ވަނީ އެގައުމުގެ ސިފައިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެހެންކަމުން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ޔުކްރެއިން އަށް ދިނުމަށް ރަޝިއާގެ އަސްކަރިއްޔާއަށް ވަނީ އެގައުމުގެ ތެރެއިން ބޮޑެތި ފިއްތުންތައް ކުރިމަތިވެފައެވެ.

ޔުކްރެއިންގެ ހަމަލާތަކުގައި ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މަރުވުމުން އެކަމަށް ރަޝިއާއިން ވަރަށް ވަރުގަދައަށް ބަދަލުހިފާނެކަމަށް ޔުކްރެއިނުން ވެސް އޮތީ ލަފާކޮށްފައެވެ.

ރަޝިއާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޔުކްރެއިނުން އެންމެ ގިނަ އަދަދަކަށް އެމެރިކާގެ "ހައިމާސް" މަރުކާގެ މިސައިލް ނިޒާމުތައް ރުކުރުވާލާފައިވާ ތަންތަންތަނަށެވެ.

މީގެތެރޭގައި ދޮނިޔެސްކްގައި ޔުކްރެއިން ސަރުކާރުން ކޮންޓްރޯލްކުރާ ދޮޒޮކޮވްކާ ސަހައްދު ހިމެނެއެވެ.

ރަޝިޔާއިން ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފަށާފައިވަނީ ނޭޓޯއިން ޔުކްރެއިން ބޭނުންކޮށްގެން ރަޝިއާގެ އަމަނާއި ސަލާމަތަށް ނުރައްކާ ކުރަމުން ގެންދާކަމަށް ތުހުމަތުކޮށްފައެވެ.

ރަޝިއާ ބުނާގޮތުން ބޭރުގެ ގައުމުތަކާ އަދި ޖަމާއަތްތަކާ ގުޅިގެން ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރާނެކަމުގެ ޔަގީންކަންދީ އަސްކަރީ ގޮތުން ނިއުޓްރަލް ގައުމެއްގެ ގޮތުގައި އޮތުމަށް ޔުކްރެއިން އެއްބަސްވާނަމަ ހަނގުރާމަ ހުއްޓާލެވިދާނެއެވެ. ނަމަވެސް ޔުކްރެއިން ވަނީ ރަޝިއާ އެދޭގޮތަށް ދިފާއީ ގެރެންޓީ ނުދެވޭނެކަމާ އަދި ނޭޓޯއަށްވެސް ނުވަންނާނެކަމުގެ ގެރެންޓީ ދިނުމަށް ދެކޮޅު ހަދާފައެވެ.

މީގެއިތުރުން ޔުކްރެއިންއިންވަނީ ރަޝިއާ ހިފާފައިވާ އެގައުމުގެ ސަރަހައްދުތަކުން ރަޝިއާ ފޭބުންވެސް ޝަރުތުކޮށްފައެވެ. ރަޝިއާ ބުނާގޮތުން އެގައުމުން ހިފާފައިވާ ޔުކްރެއިން ގެ ސަރަހައްދުތަކަކީ ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދުތަކެކެވެ. އެތަންތަން ހިފަންޖެހުނީ ޔުކްރެއިންގެ ވެރިކަމުގައި މިހާރު ތިބި ހުޅަނގަށް ތާއީދުކުރާ ނާޒީ ފިކުރުގެ ސަރުކާރުގެ އަނިޔާވެރިކަން އެސަރަހައްދުތަކުގައި ތިބި ރަޝިއާ ދަރިކޮޅުގެ ރައްޔިތުންނަށް ބޮޑުވުމުންނާ އެމައްސަލަ ހައްލުކުރުމަށް ޔުކްރެއިން ތަކުރާރުކޮށް ދެކޮޅު ހެދުމުންނެވެ.

އެހެންވެ، ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ޔުކްރެއިންގެ ދޮނިޔެސްއާއި ލޮޣާންސްކް އިން ދެން ރަޝިއާ ނުފައިބާނެއެވެ. ރަޝިއާވަނީ އެތަންތަނުގައި ފެންނަ ނުފެންނަ ވޯޓު ނެގުމަށްފަހު ރައްޔިތުންގެ ގިނަބަޔަކު ވޯޓު ދީނީ ރަޝިއާއާ ގުޅެން ބޭނުންވެގެން ކަމަށް ބުނެ އެދެ ސަރަހައްދު ރަޝިއާގެ ދެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފައެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ރަޝިއާއިން ވަނީ އެގައުމުގެ ސަރަހައްދެއްގެ ގޮތުގައި ކުރިން އޮތް ކްރައިމިޔާ ވެސް ހިފާފައެވެ. ކްރައިމިޔާގެ ރައްޔިތުންގެ އަޣްލަބިއްޔަތަކީވެސް ރަޝިއާ ދަރިކޮޅެވެ. ކްރައިމިޔާ ޔުކްރެއިންގެ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ސޮވިއެޓް ޔުނިޔަންގެ ރައީސެއްކަމަށްވާ ނިކޮލައި ކްރޮސްޗޯވް އެވެ.

ރަޝިއާ 2014 ވަނަ އަހަރު ކްރައިމިޔާ ހިފީ ކްރައިމިޔާއަކީ ޒަމާނުއްސުރެ ރަޝިއާގެ ކަނޑުގެ އެންމެ ބޮޑު ފްލީޓްކަމަށްވާ ކަނޅުކަނޑުގެ ފްލީޓްގެ މައި މަރުކަޒު ކަމަށްވާއިރު އެތަން ރަޝިއާ އަށް ކުއްޔަށް ނުދިނުމަށް ނޭޓޯގެ ބަސް އަހައިގެން ޔުކްރެއިން ކުރަންފެށި މަސައްކަތްތަކާ ގުޅިގެންނެވެ.

ނޭޓޯގެ މަގްސަދަކަށްވީ ޔުކްރެއިން ބޮލަށް ވަދެގެން ރަޝިއާގެ ކަނޑުގެ ފްލީޓުގެ ދުވަސް ދުއްވާލުމެވެ. އެއީ އެގޮތަށް ހެދުމުން ނޭޓޯގެ ކުރިމަތީގައި ރަޝިއާ އަސްކަރީ ގޮތުން ބަލިކަށި ކުރެވޭނެތީއާއި ޔުކްރެއިން ނޭޓޯއަށް ވެއްދުމުން ނޭޓޯއަށް ހުރިހާ ދިމާއަކުންވެސް ރަޝިއާ ވަށާލެވޭނެތީއެވެ.

comment ކޮމެންޓް