ދެކުނުގެ މަސްވެރިންނަށް އެފްއެސްއެމުން ތެޔޮ ފޯރުކޮށްދެނީ

މިފްކޯގެ ކޫއްޑޫ އަދި އައްޑޫ ސައިޓުތަކުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މަސްވެރިންނަށް ތެޔޮ ވިއްކަން ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އެފްއެސްއެމުން ވަނީ ފަށައިފައެވެ.

އެކަމާ ގުޅިގެން މިއަދު "ސަން" އާ ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އެއް ހާލަތްތަކުގައި ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ޖެހުމުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް މި އެއްބަސްވުމުގެ ދަށުން ހައްލު ލިބޭނެކަމަށެވެ. އަދި، އަބަދުވެސް މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ އަރުވާފައެވެ.

"ބައެއް ދޯނިތަކަށް އެބަ އަޅާ 1000 ލީޓަރާއި 5،000 ލީޓަރާ ދޭތެރޭގެ އަދަދުތަކެއް ވެސް، ކުދި ދޯނި ފަހަރުގައި މިހުންނަނީ ޖުމުލަކޮށް އެންމެ ގިނަ ވެގެން ވެސް 14 ޓަނު ނޫނީ 15 ޓަނު، އެހެންމާ ހިތްހަމަ ޖެހޭ އަދަދަށް ތެޔޮ ފޯރުކޮށްދެވެނީ ދެތިން ދޯންޏަށް" އޭނާ ވިދާޅުވިއެވެ.

އެކަމަކު، މި އެއްބަސްވުމާއެކު ދުރު ދަތުރުތަކަށް ބޭނުންވާ މިންވަރަށް ތެޔޮ ހަމަޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

އޭނާ ވިދާޅުވީ ހުރިހާ ދޯންޏަކަށް ބޭނުންވާ ވަރަށް ތެޔޮ ފޯރުކޮށްދިނުމުގައި ކުރިން ދަތިތަކެއް ހުރި ނަމަވެސް އެފްއެސްއެމާއެކު ހެދުނު އެއްބަސްވުމުގެ ދަށުން އެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެފްއެސްއެމުން ތެޔޮ ހިފައިގެން އައިސް ވިއްކުމުގެ ބަަދަލުގައި އެފްއެސްއެމާއި [މަސްވެރިންނާ] ސީދާ މި ގުޅުވައިދެނީ" އޭނާ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މިވަގުތު އަގަށް ބަދަލެއް ނައި ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ފޯރުކޮށްދޭ ތެލުގެ އަގަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދެކުނާއި އުތުރާއި އަދި މުޅި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ވެސް ފަސޭހަ ވާނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް