މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ ތަފާތު ނަތީޖާތަކެއްނެރެ، އެންމެން ހައިރާންކޮށްލަމުން އަންނަ ލީގު ލީޑާސް، އާސެނަލްއާއި ތިންވަނައިގައި އޮތް ނިއުކާސަލްގެ ކުރިމަތިލުން އެއްވަރެވެ.
މި ދެ ޓީމަކީ ވެސް މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ވެސް ފުރުސަތު ނުލިބޭ ދެ ޓީމެވެ. މިދިޔަ ސީޒަން އާސެނަލްއިން ނިންމާލީ ތާވަލުގެ ހަވަނައިގެ ގޮތުގައެވެ. ނިއުކާސަލްއަށް ލިބުނީ 11 ވަނައެވެ. އޭގެ ކުރީ ސީޒަނުގައި އާސެނަލްއަށް އަށްވަނަ ލިބުނުއިރު ނިއުކާސަލްއަށް ލިބުނީ 12 ވަނައެވެ.
އެހެންނަމަވެސް، ޓީމަށާއި ޓީމުގެ ކުޅުމަށް ބޮޑު ބަދަލުތަކެއް ގެނެސް، މި ދެ ޓީމު މިފަހަރު ފާހަގަކޮށްލެވެނީ ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ދެ ޓީމުގެ ގޮތުގައެވެ.
މި ދެ ޓީމުގެ ކުރިމަތިލުމަކަށް ގިނަބަޔަކު އިންތިޒާރުކުރިއިރު، އަންގާރަ ދުވަހުގެރޭ އާސެނަލްގެ ދަނޑުގައި މި ދެ ޓީމު ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޕޮޒެޝަން އިންސައްތަ ހިފެހެއްޓީ އާސެނަލްއިންނެވެ. އަދި ގިނަ ހަމަލާތަކެއް އުފައްދައި، އެޓޭކިންގް ގޭމެއް ކުޅުނީ ވެސް އެ ޓީމެވެ. ޖުމްލަ 17 ހަމަލާއެއް އާސެނަލްއިން ނިއުކާސަލްގެ ގޯލާ ދިމާލަށް ފޮނުވާލިއިރު، ނިއުކާސަލްގެ ކުޅުންތެރިންނަށް ފޮނުވާލެވުނީ އަށް ހަމަލާއެކެވެ.
މި މެޗަކީ ދެ ޓީމަށް ވެސް ފާހަގަކޮށްލެވޭ މެޗެކެވެ. އެގޮތުން މިއީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބްރައިޓަންއާ ދެކޮޅަށްކުޅެ ބަލިވިފަހުން، އަމިއްލަ ދަނޑުގައި ކުޅެ އާސެނަލްއަށް މޮޅު ނުވެވުނު ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 10 މެޗު ވެސް ކާމިޔާބު ކޮށްފައިވެއެވެ.
އަނެއްކޮޅުން މިރޭގެ މެޗު އެއްވަރުވިއިރު، މިއީ 1995 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގައި ނިއުކާސަލް ބަލިނުވެ އެއް ސީޒަނެއްގައި 15 މެޗު ހަމަކުރި ފުރަތަމަ ފަހަރެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި މި ދެ ޓީމު ވެސް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އާސެނަލް ދެ މެޗުން އެއްވަރުވެފައިވާއިރު ނިއުކާސަލް ވަނީ އަށް މެޗުން އެއްވަރުވެފައެވެ.
ލީގުގައި މި ދެ ޓީމަށް ވެސް އެންމެ އަވަހަށް ދެން މެޗެއް ކުޅެން ޖެހޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު ނިއުކާސަލްއިން ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ. އާސެނަލް ކުޅެން ޖެހޭނީ ޓޮޓެންހަމާ ދެކޮޅަށެވެ.