ޔޫރަޕުގެ ކުލަބުތަކުން ވެސް ފުރުސަތު ލިބުން، އަލް ނަސްރަށް އައީ އެގޮތް ބޭނުންވާތީ: ރޮނާލްޑޯ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރޮނާލްޑޯ ---

ޔޫރަޕުގެ ފުޓުބޯޅަ ދޫކޮށް ސައުދީ ލީގުގައި ކުޅޭ އަލް ނަސްރަށް ބަދަލުވާން ނިންމީ، ޔޫރަޕުގައި ކުޅުމުގެ ފުރުސަތު ނުލިބިގެން ނޫންކަމަށް، އެ ޓީމާ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނެފައިވަނީ، އެ ކުލަބުގެ ޖާޒީގައި އޭނާ ރަސްމީކޮށް ދައްކާލުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

ރޮނާލްޑޯގެ ޓްރާންސްފާއާ ގުޅޭގޮތުން ދުނިޔޭގެ ބޮޑެތި މީޑިއާތަކުންނާއި މީސްމީޑިއާގައި ވެސް ތަފާތު ގިނަ ވާހަކަތަކެއް ދެކެވެމުންދިޔަ ނަމަވެސް، އެފަދަ ވާހަކަތަކަށް މީގެކުރިން ރޮނާލްޑޯ މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

އެހެންނަމަވެސް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ވަނީ އެކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. ރޮނާލްޑޯ ބުނީ އޭނާއަކީ މީހުން ކިޔާ ފާޑުކިޔުންތަކާމެދު ކަންބޮޑުވެ، އެކަމަށް ރައްދުދީ ހަދާނެ މީހެއް ނޫން ކަމަށާއި، އޭނާއާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ފެތުރި ކަމަށެވެ.

އެގޮތުން އޭނާ އަލް ނަސްރަށް ބަދަލުވީ ފަހުވަގާ ޖެހެންދެން ވެސް ޔޫރަޕުގެ ބޮޑު ކުލަބަކުން އޭނާއަށް ހުށަހެޅުމެއް ނައުމުންކަމަށް ރޮނާލްޑޯގެ ޓްރާންސްފާއާ ގުޅޭގޮތުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މި ވާހަކަތަކަށް ރައްދުދެމުން ރޮނާލްޑޯ ބުނީ، މިއީ އޭނާއަށް މިކަމާ ގުޅޭގޮތުން ވާހަކަދެއްކޭނެ ވަގުތެއް ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާގެ ސޮއި ހޯދުމަށް ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ގިނަ ކުލަބުތަކަކުން މަސައްކަތް ކުރިކަމަށެވެ. އެގޮތުން ޕޯޗުގަލްގެ ބައެއް ކުލަބުތަކުންނާއި، ބްރެޒިލްއާއި އޮސްޓްރޭލިއާގެ އިތުރުން އެމެރިކާގެ ބައެއް ކުލަބުތަކުން ވެސް އޭނާއާ މަޝްވަރާކޮށް، އެ ކުލަބުތަކަށް އޭނާ ގެންދަން މަސައްކަތްކޮށްފައިވާކަމަށް ރޮނާލްޑޯ ބުންޏެވެ.

އެހެންނަމަވެސް އޭނާ އެއްބަސްވުމަކަށް އައީ ވެސް އަދި ރަސްމީކޮސް މިފަދަ މަޝްވަރާތައް ކުރީ ވެސް ހަމައެކަނި އަލް ނަސްރާއެކު ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ އިތުރަށް ބުނީ، އަލް ނަސްރަށް އޭނާ ބަދަލުވާން ނިންމި ނިންމުމަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ނިމުންކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އެހެން އެ ބުނަނީ ފުޓުބޯޅަ ރަނގަޅަސް ނޭނގޭ މީހުން ކަމަށެވެ. އަދި ސައުދީ ލީގަކީ ވާދަވެރިކަން ބޮޑު ލީގެއް ކަމަށާއި، މިއީ އޭނާގެ ކެރިއަރުގެ ނިމުން ނޫންކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާގެ ގޮތުގައި ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ބަދަލުވީ އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ ކޮންޓްރެކްޓެއްގެ ދަށުންނެވެ. މި ކޮންޓްރެކްޓުގެ ދަށުން އޭނާ އެ ކުލަބުގައި ދެ އަހަރާއި ބައިގެ މުއްދަތަކަށް މަޑުކުރާނެއެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ، ފްރީ އެޖެންޓެއްގެ ގޮތުގައި މަހެއްހާ ދުވަސް ހުރުމަށްފަހުއެވެ. 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ރޮނާލްޑޯ މެންޗަސްޓާ ޔުނައިޓެޑަށް ބަދަލުވިއިރު އޭނާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަތް މަސް ދުވަސް އޮއްވައި ޔުނައިޓެޑުން އެ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.

ޔުނައިޓެޑުން މި އެއްބަސްވުން ބާތިލުކުރީ ޓީމުގެ ކޯޗާއި މެނޭޖްމަންޓާ މެދު ރޮނާލްޑޯގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހާމަކޮށް އޭނާ ދިން އިންޓަވިއުއަކާ ގުޅިގެންނެވެ.

comment ކޮމެންޓް