އިންޑިއާ ރީހެބަކުން ދިވެއްސަކު ފިލާފައިވާ މައްސަލަ ދިވެހި ފުލުހުން ބަލަނީ

ހދ. ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް --

އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއްގައި މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންއައި ދިވެއްސަކު އެތަނުން ނުކުމެގެން ބޭރަށް ދިޔަގޮތަށް ފިލާފައިވާތީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފިއެވެ.

ބެންގަލޫރުގެ ބްލޮސަމް ކޮންވެންޝަން ސެންޓަރުން ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފިލާފައިވަނީ ހދ. ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް، 35އެވެ.

އާލިމް، ސެންޓަރުން ބޭރަށް ނުކުމެގެން ދިޔަފަހުން މިއަދަށް 25 ދުވަސް ވެފައިވާއިރު އޭނާއާ ބެހޭ މައުލޫމާތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އިންޑިއާގެ ރީހެބުން ދިވެއްސަކު ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އިންޑިއާގެ ރީހެބުން ދިވެއްސަކު ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓް ކޮށްފައިވޭ. އެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވިއެވެ.

އިތުބާރު ހިފޭ މަސްދަރަކުން މި ނޫހަށް މައުލޫމާތުދިން ގޮތުގައި އާލިމަކީ މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

comment ކޮމެންޓް