ޗައިނާ އެއާލައިންތަކުން މި މަހު ރާއްޖެއަށް އުދުހުންތައް ފަށަނީ

ޗައިނާގެ ބެއިޖިންގ އެއާޕޯޓްގެ ރަންވޭ. ޖެނުއަރީމަހުގެ ތެރޭގައި ޗައިނާގެ ބައެއް އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ-- ފޮޓޯ:ޒިންހުއާ

ކޮވިޑާ ގުޅިގެން ޗައިނާގެ އެއާލައިންތަކުން ރާއްޖެއައުން މެދުކަނޑާލާފައި އޮންނަތާ ތިން އަހަރަށްފަހު، މިހިނގާ ޖެނުއަރީމަހުގެ ތެރޭގައި އެޤައުމުގެ ބައެއް އެއާލައިންތަކުން ރާއްޖެ އައުމަށް ތާވަލްކޮށްފިއެވެ.

ޗައިނާގެ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތަށް ފެށުމާ ގުޅޭގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި، އެމްއޭސީއެލުން ބުނީ، ކޮވިޑަށްފަހު ފުރަތަމަ ފަހަރަށް މިހިނގާ ޖެނުއަރީމަހުގެ 18 ވަނަ ދުވަހު ޗައިނާގެ ބެއިޖިންގް ކެޕިޓަލް އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށާނޭކަމަށެވެ. ބެއިޖިންގް ކެޕިޓަލް އެއާލައިނުގެ ދަތުރުތައް ފެބުރުއަރީމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ބެއްވުމަށް ވަނީ ޝެޑިއުލްކޮށްފައެވެ. އެ އެއާލައިނުން ހަފްތާއަކު 4 ފްލައިޓު ރާއްޖެ އަންނާނެއެވެ.

ބެއިޖިން ކެޕިޓަލްގެ ބޯޓެއް---

ބެއިޖިންގް ކެޕިޓަލް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް 300-A330 މަރުކާގެ ބޯޓުގައެވެ. މިއީ 306 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

ބެއިޖިން ކެޕިޓަލް އެއާލައިނުގެ އިތުރުން ޗައިނާ އީސްޓަން އެއާލައިނުގެ ދަތުރުތައް ޖެނުއަރީމަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ވަނީ ތާވަލްކޮށްފައެވެ. އެމްއޭސީއެލުން ބުނީ ޗައިނާ އީސްޓަން އެއާލައިނުގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗުމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ޗައިނާ އީސްޓަން އެއާލައިނުން މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް 200-A330 މަރުކާގެ ބޯޓެކެވެ. މިއީ 232 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ޗައިނާ އީސްޓަން އެއާލައިނުގެ ބޯޓެއް-- ފޮޓޯ:ޗައިނާ އީސްޓަން

އެމްއޭސީއެލުން ބުނީ ހޮންކޮން އެއާލައިނުންވެސް މިމަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނޭކަމަށެވެ. މިގޮތުން ހޮންކޮން އެއާލައިނުގެ ދަތުރުތައް މާޗުމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، އެ އެއާލައިނުން ބޭނުންކުރާނީ، އެއާބަސް 300-A330 މަރުކާގެ ބޯޓެއްކަމަށް އެމްއޭސީއެލުން ބުނެއެވެ.

ހޮންކޮން އެއާލައިނުގެ ބޯޓެއް-- ފޮޓޯ/ސިމްޕަލް ފްލައިން

ޗައިނާއިން ރާއްޖެއަށް އުދުހުންތައް ފެށުމަށް ތައްޔާރުވަމުންދާއިރު، ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރުގެ މާޗްމަހު ޗައިނާގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، އޭގެ ކުރިން، 2019 ވަނަ އަހަރު ޗައިނާއިން ވަނީ ރާއްޖެއަށް 284،029 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ އެއަހަރުގެ ތެރޭގައި އެއް ގައުމަކުން ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަދަދެވެ.

comment ކޮމެންޓް