އިރުވައި މޫސުމަށް ފެށިގެން އައި އިރު ރ. ރަސްމާދޫގެ ގޮނޑުދޮށުން ފެންނަ ނޫކުލައިގެ ފިތްތަކަކީ ގިނަ ބަޔަކަށް ބަލައިލަން ހިތްގައިމު މަންޒަރެކެވެ.
މިއީ ކޮންމެ އިރުވައި މޫސުމެއްގައި އެ ރަށު ގޮނޑުދޮށަށް ލައްގާ ފިތްތަކެކެވެ.
އިނގިރޭސިން "ބްލޫ ބަޓަން" ކިޔާ، މި ނޫކުލައިގެ ފިތްތަކަށް ދިވެހިން ކިޔަނީ "ފުޅަނގި ތާކިހާ"އެވެ.
ނަމަވެސް ފުޅަނގި ތާކިހަލަކީ ބަލައިލަން ރީތި ނަމަވެސް އޭގައި އަތް ލުމުން ނުރައްކާތަކާ ކުރިމަތިވާ އެއްޗެކެވެ.
މިއީ ޖެލީ ފިޝްއާ އެއްކަހަލަ ގޮތަކަށް ހުންނަ އެއްޗެކެވެ. ނަމަވެސް ޖެލީ ފިޝްއެއް ނޫނެވެ. މިއީ ފެން މަތީގައި ހުންނަ، އޮޔާއެކު ގޮސް އެކި ހިސާބުތަކަށް ލައްގާ އެއްޗެކެވެ.
މިކަމާ ގުޅިގެން ރަސްމާދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލްހަމީދު ހަސަން "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި، އިރުވައި މޫސުން ފެށޭ ހިސާބުން ފުޅަނގި ތާކިހާ ފެނެއެވެ.
"އެނގޭނެ މީހުންނަށް ހަމަ އެ ދުވަސްވަރު ފެށުނީމާކަން މިހެން މިވަނީ. ކޮންމެ އިރުވައި މޫސުމެއްގައި މިހެން ވާނީ. ދެން މަސްވެރިކަން ވެސް އެބަ ވަރަށް ރަނގަޅުވޭ މި މޫސުން ފެށުނީމާ،" ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ނޫކުލައިގެ ފިތާއެކު އޭގައި ދިގުކޮށް ވާތަކެއް ލާފައި ހުންނަކަމަށެވެ. އޭގައި އަތް ލުމުން ފިތްގަނޑު ނަގައި ކެހުން ފަދަ ކަންކަން ވާކަމަށް ވެސް ހަސަން ވިދާޅުވިއެވެ. އަދި އާންމުކޮށް ފުޅަނގި ތާކިހާ ފެންނަ ދުވަސްވަރު މޫދަށް ވެސް އެ ރަށު މީހުން ނޭރޭ ކަަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ހަމަ ސީދާ އެލާޖިކު ފާޑު ގޮތަށް ފިތްތަކަކާއި ބިހިތަކެއް ނަގާނެ. ދެން ވަރަށް ކަހައި، ވަރުވާ ކަމެއް، އަނެއްހެން އެއްވެސް މީހަކަށް ނޭނގޭނެ މޫދުން ފެންނައިރު ވެސް. އެއީ ވިލުކުލައިގައި މި ހުންނާނީ،" ހަސަން އިތުރަށް ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިންވަނީ ފުޅަނގި ތާކިހާ ފެންނަ ނަމަ އޭގައި އަތް ނުލުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.
އެގޮތުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ، ފުޅަނގި ތާކިހާ އެހެން ރަށްރަށުގެ ގޮނޑުދޮށާއި މޫދުން ވެސް މި ދުވަސްވަރު ފެނުން އެކަށީގެންވާކަމަށެވެ.
"މީ ފެނިދާނެ ހަމަ. އަތް ނުލުން މުހިންމީ. އެއީ އިރިޓޭޓްވުން ކަހަލަ ކަންކަން ވާނެ އަތް ލައިފިނަމަ،" ނައީމް ވިދާޅުވިއެވެ.
އެެހެންކަމުން ސަމާލުވުމަކީ މުހިންމު ކަމެއްކަމަށެވެ.