ރޮނާލްޑޯ ސައުދީއަށް، މަރުހަބާ ކިޔުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވަނީ

ކްރިސްޓިއާނޯ ރޮނާލްޑޯ --

ފަސް ފަހަރަށް ބެލަންޑޯ އެވޯޑު ހާސިލްކޮށް، ޔޫރަޕު ފުޓުބޯޅަ ދުށް އެންމެ މޮޅު އެއް ފުޓޫބޯޅަ ކުޅުންތެރިޔާގެ ލަގަބު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ، ފާއިތުވީ ހަފްތާގައި ސައުދީ އަރަބިއްޔާގެ ކުލަބަކަށް ބަދަލުވުމަށްފަހު، މިރޭގެ ވަގުތެއްގައި ސައުދީއަށް ގޮސްފިއެވެ.

ސައުދީގެ ވެރިރަށް ރިޔާދަށް ގޮސްފައިވާއިރު، އޭނާގެ ސޮއި ހޯދާފައިވާ އަލް ނަސްރު ކުލަބުން ބުނާގޮތުގައި އޭނާ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމަށް އަދި އޭނާއަށް މަރުހަބާ ކިޔުމަށް އަންގާރަ ދުވަހުގެ ވަގުތެއްގައި ބޮޑު ރަސްމިއްޔާތެއް ބާއްވާނެއެވެ.

މި ރަސްމިއްޔާތު އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން ގާތްގަނޑަކަށް ފަހެއް ޖަހާއިއެވެ. މި ހަފްލާ އޮންނާނީ އަލް ނަސްރުގެ ރަސްމީ ދަނޑުގައެވެ.

އެ ކުލަބުން ލަފާކުރާ ގޮތުގައި މި ރަސްމިއްޔާތަށް ވަނުމަށް، ޓިކެޓު ނަގައިގެން އެތައް ހާސް ބަޔަކު އެ ދަނޑަށް ވަންނާނެއެވެ. އަދި މި ހަފްލާއިން ޓިކެޓުގެ ގޮތުގައި ލިބޭ ފައިސާ އެއްކޮށް، އެ ގައުމުގެ ގައުމީ ޗެރިޓަބަލް މަސައްކަތްކުރާ ޕްލެޓްފޯމް، އެހްސާންއަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އަހަރަކާއި ފަސް މަސް ދުވަސް ކުރިން ރޮނާލްޑޯ މެންޗަސްޓާ ޔުނައިޓެޑަށް އެނބުރި އައުމަށްފަހު، އޭގެ ހަ މަސް ދުވަސް ފަހުން، ޓީމުގެ ކޯޗާއި މެނޭޖްމަންޓާ ޖެހުނު މައްސަލަތަކެއް ބޮޑުވެ، ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ މެދު ތެރޭގައި ޔުނައިޓެޑުން ވަނީ ރޮނާލްޑޯގެ އެއްބަސްވުން ބާތިލުކޮށްފައެވެ.

އޭގެފަހުން މަހަކަށްވުރެ ގިނަ ދުވަސްވަންދެން ރޮނާލްޑޯ ފްރީ އެޖެންޓެއްގެ ގޮތުގައި ހުރިއިރު، ހުސްވި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އަލް ނަސްރުން ވަނީ ރޮނާލްޑޯ އެކުލަބާ ގުޅުނުކަން ހާމަކޮށް، މުޅި ފުޓުބޯޅަ ދުނިޔެ ސިއްސުވާލާފައެވެ،

ރޮނާލްޑޯ އެ ކުލަބާ ގުޅުނީ ރެކޯޑު މުސާރައަކަށް، ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގައެވެ. ރިޕޯޓުތައް ބުނާގޮތުން ދެ އަހަރާއި ބައިގެ މުއްދަތަކަށް ރޮނާލްޑޯ އެ ކުލަބާ ގުޅުނީ މި މުއްދަތުގެ ތެރޭގައި 400 މިލިއަން ޔޫރޯއަށްވުރެ ބޮޑު ޕެކޭޖެއް ލިބޭ ޑީލްއެއްގެ ދަށުންނެވެ.

ޔޫރަޕުގެ ފުޓުބޯޅައިގައި ހާސިލްކުރެވެން އޮތް ހުރިހާ ކާމިޔާބީއެއް ހާސިލްކުރުމަށްފަހު ރޮނާލްޑޯ ޔޫރަޕު ފުޓުބޯޅަ ދޫކޮށްލިއިރު، ގިނަބަޔަކު އިންތިޒާރުކުރަމުން ދަނީ އޭނާއަށް އޭޝިއާ ބައްރުގައި ދެއްކިދާނެ ކުޅުމެއް ދެކިލުމަށެވެ.

comment ކޮމެންޓް