އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑު އަތުންވީ ބައްޔާއެކު ލިވަޕޫލަށް އިތުރު ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިރޭގެ މެޗު ކާމިޔާބު ކޮށްލައިގެން ލިވަޕޫލަށް ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. އެއީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން 30 ޕޮއިންޓު ހޯދާފައިވާ ޓޮޓެންހަމްގެ މައްޗަށް އެއް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެހެންނަމަވެސް ބްރެންޓްފޯޑު އަތުން ބަލިވުމާއެކު ލިވަޕޫލަށް، 17 މެޗުން 28 ޕޮއިންޓާއެކު މިވަނީ ތާވަލުގެ ހަ ވަނައިގައި މަޑުޖެހިލަން ޖެހިފައެވެ.
މި މެޗާއި އެންމެފަހުން ލެސްޓާ ސިޓީއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގައި ވެސް މައިގަނޑު ގޮތެއްގައި ދިމާވި މައްސަލައަކީ، ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމުގެ އެޓޭކިންގް ލައިނަށް ނުހިފުމެވެ. ލެސްޓާ އަތުން 1-2 އިން މޮޅުވި ނަމަވެސް، އެ މެޗުގައި ފެނިގެންދިޔަ ތިން ލަނޑަކީ ވެސް ލެސްޓާ ކުޅުންތެރިންގެ ފަރާތުން ފެނުނު ލަނޑުތަކެކެވެ. ލިވަޕޫލަށް ކާމިޔާބު ކުރެވުނު ދެ ލަނޑަކީ ލެސްޓާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑުތަކެކެވެ.
މިރޭގެ މެޗުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު އިރުވެސް އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މުޅިއެކު އެ ޓީމުން 16 ހަމަލާއެއް އުފެއްދިއިރު އޭގެތެރެއިން ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ހަ ހަމަލާއެވެ. އެއާ ހިލާފަށް ބްރެންޓްފޯޑުން ޖުމްލަ 10 ހަމަލާ ފޮނުވާލިއިރު، އޭގެ ތެރެއިން ހަތް ހަމަލާއެއް ގޯލާ އަމާޒުވާގޮތަށް ފޮނުވާލައި، ތިން ހަމަލާއެއް ތިން ދަނޑިން އެތެރެ ކޮށްފައިވެއެވެ.
އަމިއްލަ ދަނޑުގައި ކުޅެ މި މެޗު ބްރެންޓްފޯޑުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 19 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް ލީޑު ލިބުނީ، ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެންޓްފޯޑުން ވަނީ ދެވަނަ ލަނޑެއް ވެސް ޖަހާފައެވެ. 42 ވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔޮއާން ވީސާއެވެ.
ދެ ލަނޑުގެ ލީޑަކާއެކު ބްރެންޓްފޯޑުން ދެވަނަ ހާފު ފެށިއިރު، މި ހާފު ފަށައިގެން ފުރަތަމަ ކޮޅުގައި މޮޅަށް ކުޅުނީ ލިވަޕޫލުންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެ ޓީމުން ބްރެންޓްފޯޑުގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލިއެވެ. އެހެންނަމަވެސް މީގެތެރެއިން އެއް ފަހަރު ރެފްރީ ވަނީ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ. އެއީ ތިންވަނަ މިނެޓުގައި ތިއާގޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޑާވިން ނުނޭޒް ފޮނުވާލި ހަމަލާއެވެ. މިއީ ލަނޑެއް ނޫންކަމަށް ރެފްރީ ނިންމީ ބޯޅަ ލިބުނުއިރު ނުނޭޒް އޮފްސައިޑު މަގާމެއްގައި ހުރުމުންނެވެ.
އޭގެ ދެ މިނެޓުފަހުން ލިވަޕޫލުން ވަނީ ފުރަތަމަ ފަހަރަށް ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. މިއީ ގޯލުގެ 10 ޔާޑު ބޭރަށް ޓްރެންޓް އެލެކްސަންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން ތަނަވަސްވި ބޯޅަ، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެލެކްސް އޮކްސްލޭޑް ޗެމްބާލެއިން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ފަރަގު ކުޑަކޮށް ލިވަޕޫލުން އުންމީދުގައި ކުޅެމުންދަނިކޮށް ބްރެންޓްފޯޑުން ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ބޮޑުކޮށްފައެވެ. 84 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބްރަޔަން އެމްބެއުމޯ އެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު 18 މެޗުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. މިދިޔަ ސީޒަނުގައި އޭނާ ކުޅުނު 35 މެޗުގެ ތެރެއިން ވެސް ކާމިޔާބު ކުރެވުނީ ހަމަ ހަތަރު ލަނޑެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ބްރެންޓްފޯޑުން ވަނީ ލީގު ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 18 މެޗުން 26 ޕޮއިންޓާއެކުއެވެ. އަށްވަނައިގައި އޮތް ފުލަމްއަށް އެއްމެޗު މަދުންކުޅެ 25 ޕޮއިންޓު ހޯދާފައިވާ ފުލަމްއެވެ.
ލަނޑުޖެހުމުގައި މައްސަލަތަކެއް މި ދެ މެޗުގައި ކުރިމަތިވި ލިވަޕޫލަށް ކުރިއަށް ދެން އޮތީ އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ވުލްވްސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެއަށްފަހު ލީގުގައި ދެން ލިވަޕޫލް ކުޅޭނީ ބްރައިޓަންއާ ދެކޮޅަށް މި މަހުގެ 14 ވަނަ ދުވަހުއެވެ.