ތެޔޮ ބޯޓަކުން ގެއްލިގެން ފުލުހުން ހޯދާ މީހާ މާލެއިން ފެނިއްޖެ

ގެއްލިގެން ހޯދަމުންދާ ނިޒާމްއާއެކު އިބްރާހީމް ނަގާފައިވާ ފޮޓޯ --- ފޮޓޯ/ އިބްރާހީމް ޓުވިޓާ

ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ފަހުން ގެއްލިގެން ހޯދަމުންދާ، ދެ މީހުންގެ ތެރެއިން އެކަކު މާލެއިން ފެނިއްޖެއެވެ.

ގެއްލިގެން ހޯދަނީ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް،45، އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން،35، އެވެ. އޭގެ ތެރެއިން މިއަދު މާލެއިން ފެނިފައިވަނީ ނިޒާމެވެ.

އެގޮތުން މިއަދު ޓުވީޓާގައި އާއްމު މީހަކު ވަނީ ގެއްލިގެން ހޯދަމުންދާ ނިޒާމް ކަމަށް ބެލެވޭ މީހަކާއެކު ނަގާފައިވާ ފޮޓޯއެއް އާއްމުކޮށްފައެވެ.

އެ ޓުވީޓު ކުރި އިބްރާހީމް މުހައްމަދު މިއަދު "ސަން"އަށް ބުނީ އޭނާ އަށް ނިޒާމް ފެނުނީ ޝީޝާ ކައިރީގައި ހުންނަ ކެފޭއަކުން ކަމަށެވެ.

"އަޅުގަނޑު އޭނާއާއެކު ފޮޓޯއެއް ނެގީ އޭނާއަކީ ގެއްލިގެން ހޯދަމުންދާ މީހެއް ކަމަށް އެތާ ކައިރީގައި ތިބި ބަޔަކު ބުނުމުން،" އިބްރާހީމް ބުންޏެވެ.

ނިޒާމްއާ ހަވާލާދީ އިބްރާހީމް ބުނީ ގެއްލިގެން ހޯދާ މައްސަލައިގައި ނިޒާމް ފުލުހަށް ދިޔަ ކަމަށެވެ. ނަމަވެސް ގިނައިރުތަކެއް ފުލުހުންގެ މަރުކަޒުގައި ބެއިންދުމަށް ފަހު ގެއްލިގެން ނޫޅޭ ކަމަށް ފުލުހުން ބުނުމުން ނިޒާމް އެތަނުން ދިޔައީ ކަމަށް ވެސް އޭނާއާ ހަވާލާދީ އިބްރާހީމް ބުންޏެވެ.

ނިޒާމާއެކު ނަގާފައިވާ ފޮޓޯ ސޯޝަލް މީޑިއާއަށް ލުމާއެކު އޭނާއަށް ފުލުހުން ގުޅައި މައުލޫމާތު ސާފުކުރިކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައިނުވާއިރު އެންމެ ފަހުން ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ ދެމީހުން ހޯދުމަށް މާލެތެރެ މިހާރު ބަލަމުންދާ ކަމަށެވެ.

މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން އިއްޔެ ބުނެފައިވަނީ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރ 29 ވަނަ ދުވަހު ފެނިފައިވާ ކަމަށެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް