ކަނޑުމަތިން ގެއްލުނު ދެ މީހުން ހޯދަން މާލެތެރެ ބަލަނީ

ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ފަހުން ގެއްލިގެން ހޯދަމުންދާ، ދެ މީހުން ހޯދަން މާލެތެރެ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ކޯސްޓްގާޑާއި މެރިން ޕޮލިސް ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑުމަތީގައި ކުރަމުން އަންނަ ކަމަށެވެ. އަދި، އެ މީހުން ހޯދުމަށް މާލެތެރެ ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ދެ މީހުން ހޯދަން ފުލުހުން މިހާރު އަންނަނީ މާލެތެރެ ވެސް ބަލަމުން" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެކަމަކު، ކަނޑުމަތިން ގެއްލުނު ދެ މީހުން ހޯދަން މާލެތެރެ ބަލާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން އިއްޔެ ބުނެފައިވަނީ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރ 29 ވަނަ ދުވަހު ފެނިފައިވާ ކަމަށެވެ.

އެކަމަކު، ބޯޓުން ދަތުރު ކުރި ދެ މީހުން އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ގެއްލިގެން ހޯދަނީ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް،45، އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން،35، އެވެ.

މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް