ޓެކްސް ބޮޑު ކުރުމަކީ ގޯހެއް، ނަތީޖާއެއް ނުފެންނާނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު: ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

މުދަލާއި ޙިދުމަތުގެ އަގުން ނަގާ ޓެކްސް މިވަގުތު ބޮޑު ކުރުމަކީ ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަމުން ދެކޮޅު ޖެހޭ ނަތީޖާއެއް ނުފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް އެމަނިކުފާނު ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އިގްތިސާދީ ދައްޗެއްގެ ތެރޭން ޓެކުހާ ކުޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"ހުރިހާ ޓެކްސް ނިޒާމެއްގެ ބޭނުމަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށްފައި، ވިޔަފާރި ފުޅާކުރުން" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މި ދަނޑިވަޅު ދެ ބިލިއަން ރުފިޔާ ހޯދަން ސަރުކާރުން ޓެކްސް ބޮޑުކުރަން ވިސްނުމަކީ ގޯހެކެވެ. އެގޮތުން، އޭގެ ބަދަލުގައި ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށް، އިގްތިސާދު ކުރިއަރުވައިގެން ދެ ބިލިއަނާ ހަމައަށް ގެންދިއުން މާ ބުއްދިވެރިވާނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ.

"ޖީއެސްޓީ ކުޑަކުރަން ޖެހޭނީ، ޓީޖީއެސްޓީ ވެސް ހަމަ ކުޑަކުރަން ޖެހޭނީ އިނގޭތޯ. އެ ކަމަކު ނުދޭ، އެހެނެއް ނުބޭއްވޭނެ." ރައީސް މުހައްމަދު ނަޝީދު

އެމަނިކުފާނު ވިދާޅުވީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކުހާއި އާމްދަނީން ނަގާ ޓެކްސް މިހާރު އެހުރީ ރަނގަޅު މިންވަރެއްގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު، ޓެކްސް ރޭޓުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން މިހާރު އަލުން ވިޔަފާރި ފައިދާއިން ނަގާ ޓެކުހާމެދު ވިސްނަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖީއެސްޓީ ބޮޑު ކުރީމާ ވިޔަފާރީގެ ފައިދާ ކުޑަވާނެ. އެހެންވީމަ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ އާމްދަނީ ކުޑަވާނެ. އެއީ ދެ ބިލިއަނަށް ވެދާނެ، ގެއްލޭ ބައި" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެފަދަ ސަބަބުތައް ހުރުމުން މިވަގުތު ޓެކްސް ބޮޑު ކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ.

"ޖީއެސްޓީ ވެސް އަޅުގަނޑުމެން ލަފާކުރި ހިސާބަށް ނުގޮސްފާނެ، އިގްތިސާދީ ތާއްޓެއްގެ ތެރޭގައި ޓެކްސް އާ ކުޅުން އެއީ ވަރަށް ގޯސް ކަމެއް. އެއީ ވަރަށް ގޯސް ކަމެއް، އެއީ މީހުން ކުރާނެ ކަމެއް ނޫން." އެމަނިކުފާނު ވިދާޅުވިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް އިއްޔެއިން ފެށިގެން ހަ ޕަސެންޓުން އަށް ޕަސެންޓަށް އިތުރު ކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ނަޝީދު މީގެ ކުރިން ވަނީ ތާއީދު ކުރައްވައިފައެވެ.

https://sun.mv/168275

އެގޮތުން، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އައްޑުއަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނު ވަނީ ކުރިޔަށް އޮތް ދެ އަހަރު ބޭރު ދަރަނީގެ ބޮޑު އިންސަންތައެއް ދައްކަން ޖެހޭކަން ފާހަގަކުރައްވާ، ޓެކްސް ބޮޑު ކުރުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ޓެކުހާ ގުޅޭ ގޮތުން އެމަނިކުފާނުގެ ރާގު ބަދަލުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ދެ ބޭފުޅުންގެ ވާދަވެރިކަން އަނެއްކާވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޓެކްސް ބޮޑު ކުރުމާއެކު މުދަލުގެ އަގުތަކަށް ވަނީ އެނގުންވެފައެވެ. ނަމަވެސް ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އެކަން ހައްލުކުރަން ޑައިރެކްޓް ސަބްސިޑީއެއް ތައާރަފު ކުރާނެ ކަމަށެވެ.

comment ކޮމެންޓް