ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނަޝީދުގެ ތާއީދު އޮތްކަން ހާމަކުރައްވައިފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސަރުކާރުން ބޭނުންވާގޮތަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އައްޑޫގެ އެމްޑީޕީ ސަޕޯޓަރުންނާ ރޭގެ ވަގުތެއްގައި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގެ ބައިވެރިން ކުރި ސުވާލުތަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވައިފައެވެ.

އޭގެ ތެރެއިން ބައިވެރިއަކު ވަނީ މިހާރު ސަރުކާރުން ނިންމައިފައިވާ ގޮތަށް އެ ދެ ޓެކްސް ބޮޑު ކުރުމާ ދެޅޮޅަށް ވަކާލާތު ކުރުމަށް ނަޝީދުގެ ކިބައިން އެދިފައެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުރެގެން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.

"ކުރިއަށް އޮތް ދެ އަހަރު ބޭރުގެ ދަރަނީގެ ބޮޑު އަދަދެއް ދައްކަން ޖެހޭ. އެހެންވީމަ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް އަޅުގަނޑު ތާއީދު ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދަރަނި ބޮޑުވުމަށްވުރެ ދަރަނި އަނބުރާ ދައްކަންވާއިރަށް ފައިސާ ނެތުން މާ ނުރައްކާތެރިއެވެ.

އެގޮތަށް ވެއްޖެ ނަމަ ރާއްޖެ ބަނގުރޫޓުވެ ބޭރުގެ ގައުމުތަކާއެކު ވިޔަފާރިކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ދެ އަހަރު ދައުލަތުގެ އާމްދަނީ އިތުރުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އާމްދަނީ އިތުރުކުރަން ބޭނުންވާނަމަ އެކަމާ މެދު ކުރެވޭނީ ދެ ކަމެއް ކަމަށެވެ.

އެއީ ކޮންމެވެސް ކަހަލަ އެއްޗެއް ދިގު މުއްދަތަކަށް ވިއްކާލުން ނުވަތަ ރައްޔިތުންގެ އަތުން ޓެކްސްއެއް ނެގުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޓެކްސް ބޮޑުކުރުމަށްފަހު ޕާޓްނާޝިޕުގެ އުސޫލުން ސަރުކާރު ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދިދާނެ. ކުރިއަށް އޮތް ދެ އަހަރު ދަރަނި ދެއްކުމަށް ބޭނުންވާ ފައިސާ ކޮންމެވެސް ގޮތަކުން ހޯދަން ޖެހޭ. ނޫންނަމަ ދެން ކުރިމަތިލާން ޖެހޭ ނުރައްކަލާއި ގެއްލުން މާ ބޮޑުވާނެ،" ނަޝީދު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފައެވެ.

މީގެ އިތުރުން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ޖުލައި މަހުގެއެވެ.

comment ކޮމެންޓް