ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން 3 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓީބިލް ވިއްކަނީ

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 3.4 ބިލިއަން ރުފިޔާގެ ޓީބިލްސް ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިނޭންސުން މިފަހަރު ހުޅުވާލާފައިވަނީ، މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 453 މިލިއަން ރުފިޔާގެ ޓީބިލާއި، ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 333.7 މިލިއަން ރުފިޔާގެ ޓީބިލާއި، ހަ މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 999.8 މިލިއަން ރުފިޔާގެ ޓީބިލުގެ އިތުރަށް އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 1.7 ބިލިއަން ރުފިޔާގެ ޓީބިލެވެ.

ފިނޭންސްގެ އިއުލާނުގައިވާގޮތުން މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 453 މިލިއަން ރުފިޔާގެ ޓީބިލްގެ އިންޓަރެސްޓް ރޭޓަކީ 3.50 އިންސައްތައެވެ. ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 333.7 މިލިއަން ރުފިޔާގެ ޓީބިލުގެ އިންޓަރެސްޓް ރޭޓަކީ، 3.87 އިންސައްތައެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 999.8 މިލިއަން ރުފިޔާގެ ޓީބިލުގެ އިންޓަރެސްޓް ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 4.23 އިންސައްތައެވެ. މީގެއިތުރުން އެއްއަހަރުދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 1.7 ބިލިއަން ރުފިޔާގެ ޓީބިލްގެ އިންޓަރެސްޓް ރޭޓަކީ 4.6 އިންސައްތައެވެ.

ސަރުކާރުން ވިއްކާ ޓީބިލްސް އާއްމުގޮތެއްގައި ގަންނަނީ، ނުވަތަ އިންވެސްޓްކުރަނީ، ރާއްޖޭގެ ބައެއް ބޭންކްތަކުންނާއި، ޕެންޝަން އޮފީހުންނާއި، ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކެވެ. މީގެއިތުރުން ބައެއް އަމިއްލަ ކުންފުނިތަކުންވެސް ސަރުކާރުގެ ޓީބިލްސްގައި އިންވެސްޓްކުރެއެވެ.

ސަރުކާރުން ޓީބިލްސް ވިއްކުމަށް ހުޅުވާލާފައިވާއިރު މިހާރުވެސް ޓީބިލު ވިއްކުމަށްފަހު ނުދައްކާ 67.2 ބިލިއަން ރުފިޔާ އެބައޮތެވެ. ރާއްޖޭގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ބޭރުގެ ދަރަނި ނަގާފައި އެތެރޭގެ ދަރަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ސަރުކާރުން ވިއްކާ ޓީބިލާއި ބޮންޑެވެ.

comment ކޮމެންޓް