އުޅަނދުފަހަރުގެ އަހަރީ ފީ ދެން ލިބޭނީ ކައުންސިލްތަކަށް

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީ ފީގެ ގޮތުގައި ދައްކާ ފައިސާ ކައުންސިލްތަކަށް ލިބޭ އުސޫލަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

މިއަދުން ފެށިގެން އެފައިސާ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ.

ކުރިން އެ ފައިސާ ބަލައިގަންނަމުން ދިޔައީ މޯލްޑިވްސް އިންލެންޑު ރިވެނިއު އޮތޯރިޓީ މެދުވެރިކޮށް ނަމަވެސް، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އެފައިސާ ކައުންސިލްތަކަށް ލިބޭ ގޮތަށް ފިނޭންސް މިނިސްޓްރީން އުސޫލް ބަދަލު ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދް އަބްދުލްޣަނީ މިއަދު "ސަން" އަށް ވިދާޅުވީ އުސޫލުގައިވާ ގޮތުގެ މަތިން، މިއަދުން ފެށިގެން އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީގެ ގޮތުގައި ދައްކާ ފައިސާ ބަލައިގަންނަމުން ދާނީ އެމިނިސްޓްރީގެ ހަދާފައިވާ އޮންލައިން ޕޭމަންޓު ޕޯޓަލް "ސަވާރީ ޕޭ" މެދުވެރިކޮށް ކަމަށެވެ.

މި ޕޯޓަލް މެދުވެރިކޮށް ވެހިކަލްތަކުގެ ޓުރެފިކް އަދި ޕާކިން ޖޫރިމަނާ ފައިސާއާއި، އެއްގަމާއި ކަނޑު އުޅަނދުތަކުގެ ފީ ވެސް ދެއްކޭނެއެވެ.

ސަވާރީ ޕޭ މެދުވެރިކޮށް ދައްކާ ފައިސާ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭނެ ގޮތަށް މިދިޔަ މަހުގެ ނިޔަލަށް ބަނޑޭރި ޕޭއަށް އިންޓަގްރޭޑް ކުރުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ކައުންސިލްތަކަށް އަންގާފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް ޕޯޓަލްއަށް އިންޓަގުރޭޓު ނުކޮށް ހުރި ކައުންސިލްތަކަށް ފީގެ ގޮތުގައި ދައްކާ ފައިސާ ލިބޭނީ ޕަބްލިކް އެކައުންޓު މެދުވެރިކޮށް ކަމަށެވެ.

ލާމަރުކަޒީ ނިޒާމްގެ ދަށުން ރަށްރަށުގެ ކައުންސިލްތައް ބާރުވެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެކެވެ. މި އަމަލު ކުރަން ފެށި އުސޫލާއެކު ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ.

comment ކޮމެންޓް