އާ އަހަރުގެ އޮޕަރޭޝަން: ދެ ފުޅި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލެއް --- ފޮޓޯ/ ފުލުހުން

އާ އަަހަރު ފެށުމުނުގެ ގޮތުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ދެ ފުޅި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ވަނީ އާ އަހަރާ ދިމާކޮށް ހުޅުމާލެ އާއި މާލޭގައި އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

އެ އޮޕަރޭޝަނުގައި ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށާއި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޔަރުކުރި ދެމީހުންގެ އަތުންވެސް ބަނގުރާފުޅިއެއް ވަނީ ފެނިފައެވެ.

އެ ދެ މައްސަލަވެސް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮންމެ އަހަރުކުވެސް އެންމެ ފަހު ރޭ އާ އަަހަރު ފެށުމުގެ ގޮތުން ފުލުހުން މިފަދަ އޮޕަރޭޝަންތައް ހިންގައެވެ.

މި އަހަރާ އަޅާބަލާއިރު އާއްމުކޮށް އެހެން އަހަރުތައް ފެށުމުގެ ގޮތުން ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާފުޅިތައް އަތުލައިގަނެއެވެ. އަދި އެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަދަދުވެސް ގިނައެވެ.

comment ކޮމެންޓް