އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ބަންދު ކުރި ފުރަތަމަ ސެގްމެންޓް ހުއްޓިފައި އޮތުމަށް ފަހު، އެ އޮތް ގޮތަށް ޢާންމުންނަށް ހުޅުވާލައިފިއެވެ.
މިއީ މީގެ މަހެއް ކުރިން އެމަގުގެ ފުރަތަމަ ސެގްމެންޓް ބަންދު ކުރި އިރުވެސް އޮތް ހާލަތެވެ. މާލޭގެ އެންމެ ބޮޑު އަދި މައި އެއް މަގު ބަންދުކުރީ ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށެވެ.
އެކަން ކުރުމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށް، ޢަމަލީ މަސައްކަތް ފެށީ މި އަހަރުގެ އޮގަސްޓު މަސް ނިމެން އުޅެނިކޮށެވެ. އެކަމަކު، އުންމީދު ކުރި ގޮތާ ޙިލާފަށް އެ މަސައްކަތަށް ހަތަރު މަސް ވީއިރު ވެސް، އަމީނީ މަގުގެ އެއްވެސް ހިސާބެއްގައި ތާރު އެޅިފައެއް ނުވެއެވެ.
ބޮޑު ތަކުރުފާނު މަގާ ގުޅޭ ހިސާބުން މޫނިމާ ހިނގުމާ ހަމައަށް ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު އެތަނުގައި އާންމުން ދަނީ އެކި އެއްގަމު އުޅަނދުތައް ދުއްވާ، ޕާކުކޮށް ހަދަމުންނެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_167246707517Q0hO.jpg)
އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގައި ވެހިކަލް ތަކެއް ޕާކު ކޮށްފައި --- ސަން ފޮޓޯ
މިކަމާ ގުޅިގެން ސުވާލުކުރުމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "ސަން"އަށް ވިދާޅުވީ އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓް މިހާރު އާންމުންނަށް ހުޅުވާލައިފައިވާ ކަމަށެވެ.
އަދި އެ މަގުގައި ތާރު އަޅާނީ ބިލަބޮންގް ސްކޫލާ ހަމައަށް ބަންދުކުރުމަށް ފަހު، އެ ސްކޫލާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ކުރުން ފިޔަވައި ކުރަން ޖެހޭ އެހެން ކަންކަން ކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަކިވަކި ތަންތަނުގައި ތާރުއެޅީމާ ހަޑިވާނެ. އާންމުންނަށް ވަގުތީ ގޮތުން ހުޅުވާލަނީ ވެލި މަތީގައި. އެތަނުގައި ބޭނުންވަންޏާ ހިނގަންޏާ ހިނގަންވީ، ކާރު ދުއްވަންޏާ ދުއްވަންވީ،" އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތާ ގުޅިގެން ބޮޑު ތަކުރުފާނު މަގާ އަމީނީ މަގާ ގުޅޭ ކަންމަތީގައި ހުރި ބޯޑު. --- ސަން ފޮޓޯ
އަޕްގްރޭޑްގެ ކަންކަމަށް ބޭނުންވާ ބައެއް ވަސީލަތްތައް ލިބުން ލަސްވެގެން އަމީނީމަގު ހެދުމުގެ މަސައްކަތް މީގެ މަހެއް ކުރިން މެދުކަނޑާލިއިރު ވެސް އެތަން އޮތީ އެ ހާލުގައެވެ.
އޭގެ ފަހުން އެތަންވެސް ބަންދުކޮށް، ކަލާފާނު ސްކޫލާ ހިސާބަށް ދުއްވާ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ވެސް ހެދިއެވެ. އަދި ދަރުބާރުގެއިން ފެށިގެން ކަލާފާނު ސްކޫލާ ހަމައަށް ގާތަށް ނަގައި، އެތަނުގެ މަސައްކަތް ދެވަނަ ސެގްމެންޓުގެ ގޮތުގައި އެކުންފުނިން ދިޔައީ ކުރަމުންނެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_167246727933lKbL.jpg)
އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގައި ވެހިކަލް ތަކެއް ޕާކު ކޮށްފައި --- ސަން ފޮޓޯ
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފުރަތަމަ ކުރަން އުޅުނީ މާލޭ ސިޓީ ކައުންސިލުންނެވެ. ހަމަ އާރްޑީސީއާ ހަވާލުކޮށްގެން 39 މިލިއަން ރުފިޔާއަށް ހިންގަން އެއްބަސްވި ނަމަވެސް ފަހުން އެ މަސައްކަތް ކުރަން ނިންމީ ޕްލޭނިން މިނިސްޓްރީންނެވެ.
މިނިސްޓްރީން އެ މަސައްކަތް ކުރަން ނިންމީ ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.
ދިހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ.