'ފަތޭހް'ގެ ލީޑް ރޯލުން ޖެކްލީން އާއި ސޯނޫ ސޫދު

މިފަހުން ރިލީޒްވި ފިލްމު "ސާރކަސް"އަށްފަހު ބަތަލާ ޖެކްލީން ފެނާންޑެޒް އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.

މިފެށޭ ޖަނަވަރީ މަހު ފިލްމުގެ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވާއިރު ޖެކްލީންއާއެކު ފިލްމުގައި ލީޑް ރޯލުން ފެންނާނީ އެކްޓަރު ސޯނޫ ސޫދެވެ. "ފަތޭހް"ގެ ނަމުގައި ގެނެސްދޭ މިފިލްމު ޕްރޮޑިއުސަރެއްގެ ރޯލްއިން ސޯނޫ ސޫދު ފެންނައިރު ފިލްމު ޕްރޮޑިއުސްކުރަނީ ޒީ ސްޓޫޑިއޯއާ ގުޅިގެންނެވެ.

ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން ފިލްމުގެ ސްކްރީންޕްލޭ އަދި ސްކްރިޕްޓް ލިޔުމުގައިވެސް ސޯނޫ ސޫދު ވަނީ އެހީތެރިވެފައެވެ.

2021ވަނަ އަހަރު އިޢުލާނުކުރި ފިލްމު "ފަތޭޙް"ގައި ދައްކުވައިދޭނީ ޢާއްމު ދިރިއުޅުމުގައި ހިނގާފައިވާ ޙަޤީޤީ ޙާދިސާތަކެވެ. ސައުތް ސިނަމާގެ ފިލްމުތަކުންވެސް ފެންނަ އެކްޓަރު ސޯނޫ ސޫދު މިފިލްމުގައި ފެނިގެންދާނީ މުޅީން ތަފާތު ލުކްއެއްގައި ތަފާތު ރޯލަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރަކަށް އައިސް އާއްމު ދިރިއުޅުމުގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރާ ވަރަށް ނާޒުކު މަޢުޟޫއެއްގެ މައްޗަށް ބިނާކޮށްފައިވާ ހާދިސާތަކެއް މިފިލްމުގައި ފެނިގެންދާނެ ކަމަށް ސޯނޫ ސޫދު ވަނީ ބުނެފައެވެ.

ފެށޭ އަހަރުގެ އޭޕްރީލް މަހު ފިލްމުގެ މަސައްކަތް ނިންމާލުމަށް ރޭވިފައިވާއިރު ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ސޯނޫ ސޫދް އެންމެ ފަހުން ފެނިގެންދިޔަ ފިލްމުތަކުގެތެރޭގައި ހިންދީ ފިލްމު "ސަމްރާތް ޕްރިތްވީ ރާޖް"، މިއަހަރު ރިލީޒް ކުރި ތަމަޅަ ފިލްމު "އަޗާރްޔާ"، ހިމެނެއެވެ. ފިލްމު "ފަތޭހް"ގެ އިތުރުން އޭނާ ވަނީ އިތުރު ތަމަޅަ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ.

comment ކޮމެންޓް