ނަޝީދުގެ ދިފާއުގައި ހަސަން ލަތީފުގެ ރައްދެއް މިނިސްޓާ މާރިޔާއަށް!

އޮގަސްޓް 26، 2021: އެމްޑީޕީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަދީ ކޮން އެއްޗެއްތޯ އައްސަވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތަކަށް, އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ, ރައީސް ނަޝީދަށް މަދީ ކޮން އެއްޗެއްތޯ އެކަމަނާ ކައިރީ ވަރަށް ގިނަ މީހުން އަހާ ކަމަށެވެ. އެގޮތުން، ރައީސް ނަޝީދު ހުންނެވީ އެމްޑީޕީގެ ރައީސްގެ ގޮތުގައި ކަމަށާއި، އަދި ދިވެހިރާއްޖޭގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިއެއްގެ ގޮތުގައި ކަން މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާއަށް ރައްދު ދެއްވައި ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެ ކުރުކޮށް ބުނެވެން އޮތީ ރައީސް ނަޝީދަށް މަދުވާ އެއްޗެތީގެ ލިސްޓު އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ޑޮކްޓަރުން ލިޔުނު މެޑިކަލް ރިޕޯޓުތަކުގައި އޮންނާނެ ކަމަށެވެ.

ހަސަން ލަތީފް މިމޭރުމުން ވާހަކަދައްކަވާފައިވާއިރު، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ކުރިން އެކަން ކުރަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އެނގޭކަމަށް މީގެކުރިން އޭނާ ތުހުމަތުކުރައްވާފައިވެއެވެ. އަދި، އެފަދަ ކަމެއް ހިނގާފާނެކަމުގެ ޔަގީންކަށް ސަރުކާރަށް އޮތްކަން އެނގިފައިވާ ކަންކަމުން ހާމަވާ ކަމަށް ވެސް އޭނާ އޭރު ތުހުމަތު ކުރައްވާފައިވެއެވެ.

އެގޮތުން، ހަމަލާ ދިނުމުގެ ކުރިން ރައީސް ނަޝީދަށް ފާރަލަމުން ދިޔަކަމުގެ މައުލޫމާތާއި، ރައީސް ނަޝީދު އަވަހާރަކޮށްލަން ރޭވުންތައް ރާވަމުން ދިޔަ ކަމުގެ މައުލޫމާތުވެސް ސަރުކާރަށް ލިބިފައިވާ ކަމަށް ހަސަން ލަތީފު ތުހުމަތު ކުރައްވާފައިވެއެވެ.

މީގެއިތުރުން، އެކަން ހިނގައިފާނެކަން ސަރުކާރަށް އެނގެން އޮއްވައި ނުހުއްޓުވުމަކީ ސަރުކާރަށް ނޭނގި އެކަން ހިނގިކަން ގަބޫލުލުރަން ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝިދާއި ރައީސް ޞާލިޙްވެސް ވާދަކުރައްވާއިރު، އެ ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުންނެވެ.

comment ކޮމެންޓް