ޔާމީން މިނިވަންކުރުމަށް ގޮވާލައި ގިނަ ބަޔަކާއެކު ޕީޕީއެމުން މަގުތަކަށް

ޕީޕީއެމްގެ "ސަބަބުވެރި ހިނގާލުން" ފެށުން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރަން ގޮވައިލައި ޕީޕީއެމުން ގިނަ ބަޔަކާއެެކު މިއަދު ބާއްވާ ހިނގާލުން ފަށައިިފިއެވެ.

މި ހިނގާލުން ފެށީ މިއަދު ހަވީރު ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

ހިނގާލުމުގައި ރައީސް ޔާމީންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި، ޕީޕީއެމްގެ ސެނެޓު މެމްބަރުންނާއި، އެ ޕާޓީގެ އާންމު މެމްބަރުން ބައިވެރިވެއެވެ.

"ސަބަބުވެރި ހިނގާލުން" ނަމުގައި ކުރިއަށް ގެންދާ މި ހިނގާލުމަކީ، ރައީސް ޔާމީނަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމާ ދެކޮޅަށް ބާއްވާ ހިނގާލުމެކެެވެ.

ހިނގާލުމާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވީ މި ހިނގާލުމަކީ ރައީސް ޔާމީން މިނިވަންކުރަން ގޮވައިލައި، އެ އަޑު މުޅި ސަރުކާރަށް އިއްވަން ބާއްވާ ހިނގާލުމެއްކަމަށެވެ.

އަބްދުއްރަހީމް އަބްދުﷲ "ސަން"އަށް އިންޓަވިއުދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

"ރައީސް ޔާމީނާމެދު އިއްވައިފައިވާ މި ހުކުމާ ދެކޮޅަށް ހަމަ މިވަގުތު މުޅި ރާއްޖޭގައި ވެސް މި ހިނގާލުން ކުރިއަށް ދާނެ. އަޅުގަނޑުމެން މި ތިބީ މި މަސައްކަތް ހުއްޓާލާކަށް ނޫން. މި ހުކުމް ބާތިލްކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔަމީން މަސައްކަތްކުރީ ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށްކަމަށެވެ. އެގޮތުން އިންޑިއާގެ ނުފޫޒާ ދެކޮޅަށް އެ މަނިކުފާނު މަސައްކަތްކުރުމަކީ ނުހައްގު ހުކުމަކާ ދެވަނަ ފަހަރަށް ކުރިމަތިލާން ޖެހުނު ސަބަބެއްކަމަށް ތުހުމަތުކުރެއްވިއެވެ.

ޔާމީން ޖަލަށް ލުމަށްފަހު އުތުރު ތިލަފަޅު އިންޑިއާގެ ކުންފުންޏަކަށް ހަވާލުކުރުމަކީ ވެސް އިއްތިފާގެއް ނޫންކަމަށް އަދުރޭ ތުހުމަތުކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ރައްޔިތުންގެ ފަރާތުން އެހާ ބޮޑު ތަރުހީބެއް ހިނގާލުމަށް ލިބުމަކީ ވެސް ރައީސް ޔާމީން މިނިވަންކުރަން ރައްޔިތުން ނިކުންނަން ބޭނުންވެފައި ތިބި މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް