އެކަނިއުޅޭ މީހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

"ކޯލިވިންގ ހައުސިން" މަސްރޫޢުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ކިޔަވާ ކުދިންނާއި ވަޒީފާގައި އެކަނިއުޅޭ މީހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އިމާރާތް ކުރާ "ކޯލިވިންގ ހައުސިން" މަސްރޫޢުގެ ބިންގާ މިއަދު އަޅައިފިއެވެ.

އެޗްޑީސީން ބުނީ، މި މަޝްރޫޢުގެ ދަށުން "ކޯ ޝެއަރ" ނުވަތަ އެހެން މީހުންނާއެކު ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއަރ ކޮޓަރިތައް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ, ގްރޭޓަރ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުންކަމަށް އެޗްޑީސީން ބުނެއެވެ.

"ކޯލިވިންގ ހައުސިން" މަސްރޫޢުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

"ކޯ ލިވިންގ" ކޮންސެޕްޓަށް އެޗްޑީސީން ފަރުމާކޮށްފައިވާ މި މަޝްރޫޢު ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެއެވެ. މީގެ އިތުރުން އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ އެހެނިހެން ހިދުމަތްތަކެއް މި އިމާރާތުން ލިބިގެންދާނެއެވެ.

އެޗްޑީސީން ބުނީ އެކުންފުނިން ކުރިއަށް ގެންދިޔަ ދިރާސާތަކުން ދައްކާގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން އާންމު ގޮތެއްގައި މަހަކު 5000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކާ ކަމަށެވެ. އެމީހުންގެ ތެރެއިން 56 އިންސައްތައަށް ވުރެ ގިނަ މީހުން، މި މަޝްރޫޢުއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ފަދަ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ގެދޮރުވެރިކަމެއްގައި އެއް އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެކަމަށް އެޗްޑީސީން ލަފާކުރެއެވެ.

"ކޯލިވިންގ ހައުސިން" މަސްރޫޢުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

އެޗްޑީސީން ބުނީ 16،934.07 އަކަފޫޓުގެ ބިމުގައި އަޅާ 14 ބުރީގެ އިމާރާތުގެ 2 ވަނަ ފަންގިފިލައިން ފެށިގެން 9 ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންގ އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ، ހޮންކޮންގގެ ރޯޓައިމް އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ އާއި ހަވާލުކޮށްގެންނެވެ.

comment ކޮމެންޓް