ޕެލޭ ހޮސްޕިޓަލްގައި އެޑްމިޓްކުރިތާ މަހެއް، ހާލަތަށް ބަދަލެއް ނާދޭ

ޕެލޭ----

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، އަދި ބްރެޒިލްގެ ލެޖެންޑް، އެޑްސަން އަރާންޓޭޒް ޑޮ ނަސިމެންޓޯ ނުވަތަ އާންމު ނަމުންނަމަ ޕެލޭ ހޮސްޕިޓަލްގައި އެޑްމިޓްކުރިތާ މަހެއްވިއިރު އޭނާގެ ހާލަތު ރަނގަޅު ނުވާކަމަށް މީޑިއާ ރިޕޯޓައް ބުނެފިއެވެ.

ޕެލޭ އަކީ ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. އޭނާއަށް ކެންސަރު ޖެހުނުކަން ދެނެގަނެވުނީ، 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

އުމުރުން 82 އަހަރުގެ ޕެލޭ އެ ދުވަހުން ފެށިގެން އައީ ކެންސަރަށް ފަރުވާ ހޯދުމަށް ކީމޯ ތެރަޕީ ހަދަމުންނެވެ. ނަމަވެސް އޭނާގެ ހާލާތު ގޯސްވުމުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެލޭ ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.

އޭގެ ހަތަރު ދުވަސް ފަހުން ޕެލޭގެ ހާލަތު މާބޮޑަށް ގޯސްވުމުން އޭނާ އެޑްމިޓް ކޮށްފައި އޮތް ސައޮ ޕައުލޯގެ އެލްބަޓް އެއިންސްޓައިން ހޮސްޕިޓަލުން ވަނީ، އޭނާ އަށް ދޭނެ އިތުރު ފަރުވާއެއް ނެތްކަމަށް ނިންމައި ޕެލިއޭޓިވް ކެއާއަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހު ޕެލޭގެ ހާލު ގޯސްވަމުން އަންނަ ކަމަށް އޭނާއަށް ފަރުވަދޭ ޑޮކްޓަރުން ވަނީ ބުނެފައެވެ. އެހެންކަމުން އޭނާގެ އާއިލާގެ މެންބަރުން ވަނީ ހޮސްޕިޓަލަށް އެއްވެފައެވެ.

ނަވާރަ ސަތޭކަ ފަންސާސް ހަ ވަނަ އަހަރު ބްރެޒިލްގެ ސައު ޕައުލޯއިން ސީނިއާ ފުޓުބޯޅަ ކެރިއަރު ފެށި ޕެލޭ އަކީ، ފުޓުބޯޅައިގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ސައޮ ޕައުލޯއަށް ކުޅުނު 636 މެޗުގެ ތެރެއިން 618 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ޕެލޭ ކުޅެން ފެށީ 1957 ވަނަ އަހަރުއެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓައިލީ 1971 ވަނަ އަހަރުއެވެ. އެ މުއްދަތުގެ ތެރޭގައި ބްރެޒިލްގެ ގައުމީ ޖޯޒީގައި 92 މެޗު ކުޅެދީ 77 ލަނޑު އޭނާ ކާމިޔާބު ކޮށްދީފައިވެއެވެ.

ޕެލޭ ވަނީ ބްރެޒިލްއާއެކު ތިން ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް