ޑައިވް ކޮށްގެން ނޭމާއަށް ރަތްކާޑެއް، ޕީއެސްޖީއަށް އުނދަގޫ މޮޅެއް

ރަތްކާޑު ދެއްކުމުން ނޭމާ ހިތްހަމަނުޖެހުން ފާޅުކުރަނީ --ފޮޓޯ/އޭޕީ

ފްރާންސް ލީގުގައި ޕީއެސްޖީން ސްޓްރަސްބާގުގެ މައްޗަށް އުނދަގޫ މޮޅެއް ހޯދި މެޗުގައި އެ ޓީމުގެ ބްރެޒިލް ތަރި ނޭމާއަށް ރަތްކާޑެއް ދައްކައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ޕީއެސްޖީން މި މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ގިނަވަގުތު ބޯލަ ހިފަހައްޓައިގެން ޕޮޒެޝަން ޑޮމިނޭޓު ކޮށްގެން ޕީއެސްޖީން ކުޅުނު ނަމަވެސް އެ ޓީމުގެ ފަރާތުން މާ މޮޅު ކުޅުމެއް ފެނިގެން ނުދެއެވެ. ވޯލްޑް ކަޕަށްފަހު ފްރާންސް ލީގުގެ މެޗުތައް އަލުން ފެށިއިރު، މެޗުގައި އެންމެ ފާހަގަކޮށްލެވެނީ ލިއޮނެލް މެސީ މި މެޗަށް އެކުލަވާލި ސްކޮޑުގައި ނުހިމެނޭކަމެވެ. ޕީއެސްޖީގެ ކޯޗު ގަލްޓިއާ ބުނެފައިވާ ގޮތުގައި މެސީ އެނބުރި ސްކޮޑާ ގުޅޭނީ އަންނަ މަހުގެ ކުރީކޮޅުއެވެ.

މުހިންމު އެހެން ކުޅުންތެރިންނާއެކު މި މެޗަށް ޕީއެސްޖީން ނުކުތްއިރު، މެޗުގައި އެ ޓީމުން ނުރައްކާތެރި މާގިނަ ހަމަލާތަކެއް ވެސް އުފައްދާފައެއް ނުވެއެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޕީއެސްޖީންނެވެ. ފުރަތަމަ ހާފު ފަށައިގެން 14 ވަނަ މިނެޓުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު މާކީނިއޯސް އެވެ.

ލީޑުގައި އޮވެ ޕީއެސްޖީން ދެވަނަ ހާފު ފެށިއިރު މިހާފުގެ ވަރަށް ކުރީކޮޅުގައި ސްޓްރަސްބާގަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވިފައެވެ. މިއީ ޕީއެސްޖީގެ ލަނޑު ކާމިޔާބު ކޮށްދިން މާކީނިއޯސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގައި ނޭމާއަށް ރަތްކާޑު ދައްކާފައިވަނީ ދެ ރީނދޫކާޑު ހަމަވުމުންނެވެ. ފުރަތަމަ ރީނދޫކާޑު ދެއްކީ ސްޓްރަސްބާގުގެ ތޮމާސަންއަށް ކުރި ފައުލަކާ ގުޅިގެން 61 ވަނަ މިނެޓުގައެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ އޭގެ މިނެޓެއްފަހުން 62 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން، ޕެނަލްޓީއެއް ހޯދުމަށް ނޭމާ ޑައިވް ކުރުމުން ނުވަތަ ގަސްތުގައި ވެއްޓިގަތުމުން އޭނާއަށް ރެފްރީ ދެއްކި ރީނދޫ ކާޑެކެވެ. މިއާއެކު ނޭމާއަށް ރަތްކާޑެއް ދެއްކިއިރު، މިއީ ޕީއެސްޖީގެ ޖާޒީގައި އޭނާއަށް ދެއްކި ފަސް ވަނަ ރަތްކާޑެވެ.

ރަތްކާޑު ދެއްކުމުން ނޭމާ ދަނޑުން ފައިބަނީ --ފޮޓޯ/ގެޓީ އިމޭޖަސް

ކުޅުންތެރިއަކު މަދުކޮށް ޕީއެސްޖީއިން ކުޅެމުމުންދިޔުމުގެ ފައިދާ ނެގުމަށް ސްޓްރަސްބާގުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެއްވަރުވާންދިޔަ ޕީއެސްޖީއަށް މެޗުން ތިން ޕޮއިންޓު ހޯދައިދިނީ އެ ޓީމުގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ އެވެ. މި މަހުގެ 18 ވަނަ ދުވަހު ކުޅުނު ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހެދި އެމްބާޕޭ މި ލަނޑު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ހަވަނަ މިނެޓުގެ ތެރޭގައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ޖަހައިދިން ލަނޑެކެވެ. ޕީއެސްޖީއަށް މެޗުގެ އެންމެފަހު ވަގުތުކޮޅުގެ ތެރޭގައި ޕެނަލްޓީއެއް ލިބުނީ، އެމްބާޕޭއަށް ސްޓްރަސްބާގުގެ ނިޔަމްސީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ފާހަގަކޮށްލެވޭ ކަމަކީ ރެފްރީ ޕެނަލްޓީއެއް ދޭން ނިންމިއިރު، މާކީނިއޯސް ބޯޅަ ގޯލަށް ފޮނުވާލާފައި އޮތްކަމެވެ. އެހެންނަމަވެސް ރެފްރީ ނިންމީ މިއީ ލަނޑެއް ކަމަށް ބަލައި ނުގަނެ، ޕެނަލްޓީއެއް ދިނުމަށެވެ.

ޕީއެސްޖީއާއި ސްޓްރަސްބާގު ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މި މޮޅާއެކު ޕީއެސްޖީން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފައެވެ. މިހާތަނަށް އެ ޓީމުން ލީގުގައި ކުޅުނު 16 މެޗުން 44 ޕޮއިންޓު ހޯދާފައިވާއިރު، ދެވަނައިގައި އޮތް ލެންސްއަށް ލިބެނީ 15 މެޗުން 36 ޕޮއިންޓެވެ.

މެޗުން ބަލިވި ސްޓްރަސްބާގަށް 16 މެޗުން 11 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 19 ވަނައެވެ.

comment ކޮމެންޓް