އެމެރިކާ ސަރުކާރުގެ އެންގުމަށް ސޯޝަލް މީޑިއާ ސެންސަރު ކުރޭ: މަސްކް

ޓެސްލާގެ ސީއީއޯ އީލޯން މަސްކް .- ފޮޓޯ: ގެޓީ އިމޭޖަސް

ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމަކުން ވެސް, އެމެރިކާގެ ސަރުކާރާ ގުޅިގެން ކޮންޓެންޓް ސެންސަރު ކުރާ ކަމަށް ޓްވިޓާގެ ސީއީއޯ އީލޯން މަސްކް ބުނެފިއެވެ.

ޓްވިޓާ ގަތުމާ ގުޅިގެން މަސްކް އާންމުކުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ޕްލެޓްފޯމުން ވަނީ އެފްބީއައި އާއި ސީއައިއޭ އާއި ޕެންޓަގަން އާއި އެމެރިކާ ސަރުކާރުގެ އެހެނިހެން އިދާރާތަކާ ގުޅިގެން، އިންތިހާބުތަކާއި ޔޫކްރެއިން މައްސަލައާއި ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ކޮންޓްރޯލް ކުރުމަށް މަސައްކަތްކޮށްފައެވެ.

“*Every* social media company is engaged in heavy censorship, with significant involvement of and, at times, explicit direction of the government,” Musk tweeted, adding that “Google frequently makes links disappear, for example.”

މަސްކް ބުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ހިންގާ ކޮންމެ ކުންފުންޏަކުން ވެސް ސެންސަޝިޕްގެ މަސައްކަތް ވަރަށް ބޮޑަށް ކުރާ ކަމަށާއި ބައެއް ފަހަރު އެކަމަށް ސީދާ ސަރުކާރުން އިރުޝާދުދޭ ކަމަށެވެ.

މަސްކް އެހެން ބުނީ، ޓްވިޓާގެ އެތެރޭގެ މަޝްވަރާތަކަކާ ބެހޭ ގޮތުން ނޫސްވެރިޔާ މެޓް ޓައިބީ ޝާއިއު ކުރި މައުލޫމާތާ ގުޅިގެންނެވެ. އެ މައުލޫމާތުގައިވާ ގޮތުން އެމެރިކާގެ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ޓްވިޓާގެ އިސްވެރިން ވަނީ އެފްބީއައި އާއި ސީއައިއޭގެ މެމްބަރުންނާ އެކު ގަވާއިދުން ބައްދަލުވުންތައް ބާއްވާފައެވެ.

އެ ބައްދަލުވުންތަކުގައި، ޓްވިޓާއިން ސަސްޕެންޑު ކުރަން ޖެހޭ މީހުންގެ ލިސްޓުތައް އެ ދެ އޭޖެންސީން ޓްވިޓާއާ ހިއްސާ ކުރި ކަމަށް ނޫސްވެރިޔާ އާންމުކުރި މައުލޫމާތުގައިވެއެވެ.

ޓައިބީ އިތުރަށް ބުނި ގޮތުގައި ޓްވިޓާގެ އިތުރުން ހުރިހާ ބޮޑު ޓެކް ފާމަކާ ވެސް ސަރުކާރުން ގުޅުން ބާއްވައެވެ. އޭގެ ތެރޭގައި ފޭސްބުކް އާއި މައިކްރޮސޮފްޓްއާއި ވެރިޒޮން އާއި ރެޑިޓް އާއި ޕިންޓެރެސްޓް ވެސް ހިމެނެ އެވެ.

ސަރުކާރުން ސޯޝަލް މީޑިއާ ކުންފުނިތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އެމެރިކާގެ ކޯޓަކަށް ވެސް މައްސަލަ ހުށަހަޅާފައިވެއެވެ. އެގޮތުން މިސޫރީ އާއި ލުއިޒިއާނާގެ އެޓާނީ ޖެނެރަލުން މި އަހަރުގެ ކުރީކޮޅު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ސަރުކާރުގެ 12 އެޖެންސީއެއްގެ އޮފިޝަލުން 2020 ވަނަ އަހަރު ޓްވިޓާ، ފޭސްބުކް އަދި އެހެނިހެން ޓެކް ކުންފުނިތަކުގެ މަންދޫބުންނާ ހަފުތާއަކު އެއްފަހަރު ބައްދަލުކޮށް، ސެންސަރު ކުރާނީ ކޮން ބަޔަކާއި ވާހަކަތަކެއްތޯ ނިންމައި، އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށްފައެވެ.

މިދިޔަ އޮކްޓޯބަރު މަހު ޓްވިޓާ 44 ބިލިއަން ޑޮލަރަށް ގަތުމަށް ފަހު މަސްކް ވަނީ އެ ޕްލެޓްފޯމްގެ ސެންސަރުޝިޕް ސިޔާސަތުތަކަށް އަލިއަޅުވާލައި ލިޔެކިޔުންތަކެއް އާންމުކޮށްފައެވެ.

މިނިވަން ބައެއް ނޫސްވެރިން ޝާއިއުކޮށްފައިވާ މި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ޓްވިޓާއިން ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކެމްޕޭނަށް ހުރަސްއެޅޭނެ ފަދަ މައުލޫމާތުތައް ހިފަހައްޓައި، އެފްބީއައިއިން އަންގާ ބައެއް ކޮންޓެންޓް ނަގާފައެވެ. އަދި އެމެރިކާގެ އަސްކަރިއްޔާގެ ނުފޫޒު އިތުރު ކުރުމަށް ކުރިއަށްގެންދާ ކެމްޕެއިންތަކަށް އެހީ ފޯރުކޮށްދީ، އެގައުމުގެ ޖާސޫސީ އިދާރާތަކުގެ އެދުމަށް، ޔޫކްރޭނާ ދެކޮޅު ވާހަކަތައް ސެންސަރު ކުރި ކަމަށް ވެސް ޓްވިޓާގެ ލިޔެކިޔުންތަކުން ދައްކައެވެ.

ބައިޑަންގެ 2020 ވަނަ އަހަރުގެ ކެމްޕެއިނަށް ގެއްލުންވާ ފަދަ މައުލޫމާތު ސެންސަރު ކުރުމަށް އެފްބީއައި އިން ޓްވިޓާއަށް އެންގި ކަމަށް ބުނާ ތުހުމަތުތަކަށް ޖަވާބު ދޭން ވައިޓް ހައުސްއިން ވަނީ ދެކޮޅު ހަދައިފައެވެ.

comment ކޮމެންޓް