އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި, އިދިކޮޅުން ކުރަމުންދާ ސިލްސިލާ މުޒާހަރާގައި މިރޭ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ 'ސަން' އަށް ވިދާޅުވީ، މިރޭ ކުރިއަށްދިޔަ މުޒާހަރާގައި ސައީދު ހިމެނޭހެން ޖުމްލަ 17 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މުޒާހަރާގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ކޯލިޝަނުން ބުނީ ޔާމީނާ ދެކޮޅަށް ކޮށްފައިވާ ހުކުމާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖު ކުރާނެ ކަމަށެވެ.
ރޭގަ ބޭއްވި މުޒާހަރާއާ އެއްގޮތަށް، މިރޭ ވެސް މުޒާހަރާގެ ބައިވެރިން ވަނީ ދިވެހި ދިދަ ހިފައިގެން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވެފައެވެ. އެ މުޒާހަރާގެ ތެރެއިން މީހުން ހިފެހެެއްޓުމަށް ފުލުހުން ވެސް ވަނީ ބައެއް ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން--- ފޮޓޯ/ ޕީޕީއެމް
ފާއިތުވި ދެ ރޭ ބޭއްވި މުޒާހަރާތަކުގައި ވެސް މީހުން ހައްޔަރު ކުރި ނަމަވެސް އެ އެންމެން ވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާ ކުރި ކަން ސާބިތުވެ މިދިޔަ އާދިއްދަ ދުވަހު، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ވަނީ އިއްވާފައެވެ.
އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އެކަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި ބައްދަލުކުރަން ޖެހޭ ސަރުކާރުގެ އިދާރާތަކާވެސް ބައްދަލުކުރާނެ ކަމަށް އިދިކޮޅުން ބުންޏެވެ
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީގެ ކުރިން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ހަމައެކަނި ރައީސް ޔާމީން ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެ ކޯލިޝަނުން މިއަދު ވެސް ބުނެފައިވަނީ ރައީސް ޔާމީން ފައްޓަވާފައިވާ މަސައްކަތްތައް ނުހުއްޓޭނެ ކަމަށާއި އެމަނިކުފާނުގެ މަޝްވަރާގެ މަތިން ކެމްޕެއިނުގެ ކަންކަން ކުރަމުން ދާނެ ކަމަށެވެ.
އެގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00އިން ފެށިގެން 18:00އަށެވެ. އެ ހަރަކާތާ ގުޅޭ މާ ބޮޑު ތަފްސީލެއް އަބްދުއްރަހީމް ދެއްވާފައި ނުވާ ނަމަވެސް އެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.