އިންސާފުވެރިވާންޖެހޭ، އިންތިޚާބުގެ ކުރިން ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމަންޖެހޭ: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު--- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން އެ ކޯޓުގެ މަރުހަލާ ނިންމާ، އެ މައްސަލައިގައި ފައިސަލާ ކުރަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

'ސަން'އާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޔާމީންއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެކަކަށް އެންމެ ގިނަ ތާއީދު އޮތް ބޭފުޅާ ކަމަށެވެ. އޭގެ އިތުރުން ޕީޕީއެމްއަކީ ބޮޑު ޕާޓީއަކަށް ވުމާއެކު، ޕީޕީއެމްގެ ޓިކެޓް ރައީސް ޔާމީނަށް ދީފައިވާ ދަނޑިވަޅުގައި ކޯޓު މަރުހަލާ ވީ އެންމެ އަވަހަކަށް ނިންމަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން ޖެހޭނެ ލަސްނުކޮށް ސުޕްރީމް ކޯޓު މަރުހަލާ ނިންމާފަ އެ މައްސަލައިގަ ފައިސަލާ ކުރަން. އެހެން ނޫނިއްޔާ އެ މައްސަލަ ޕާކުކޮށްފަ ބާއްވައިގެން އިންތިޚާބުގަ ވާދަނުކުރެވޭ ގޮތް ހަދައިފިނަމަ ވަރަށް ބޮޑު ނާއިންސާފަކަށް ވާނީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުން ތާއީދު ކުރާ މީހަކަށް އެވަރުގެ ނާއިންސާފެއް ދީގެން ނުވާނެ ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު އެ މައްސަލަ ނިންމިކަމަށް ވާނީ ސުޕްރީމްކޯޓުގެ މަރުހަލާ އިންތިޚާބުގެ ކުރިން ނިންމުމުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"އެއްވެސް އިންތިޚާބެއްގައި ކޯޓުގެ މަރުހަލާތަކުގެ ތެރޭގެ އިދާރީ ގޮތުން މީހަކު ތާށި ކޮށްގެން މީހެއްގެ ކެނޑިޑެންސީ ނަގާލައިގެން ނުވާނެ. އެއާ ދޭތެރޭ ގޮތެއް ނިންމަން ވާނެ. އެއީ ވަރަށް ބޮޑު ނާއިންސާފެއް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރޭގަނޑު، އިތުރު ވަގުތުގައި މަސައްކަތް ކޮށްގެން ވެސް ސުޕްރީމް ކޯޓުން އެ މައްސަލައާ މެދު ގޮތެއް ނިންމަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާ ކުރި ކަން ސާބިތުވެ މިދިޔަ އާދިއްދަ ދުވަހު، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ވަނީ އިއްވާފައެވެ.

https://sun.mv/172087

އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ޔާމީންގެ ވަކީލުން ވަނީ ބުނެފައެވެ. އަދި އެކަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި ބައްދަލުކުރަން ޖެހޭ ސަރުކާރުގެ އިދާރާތަކާވެސް ބައްދަލުކުރާނެ ކަމަށް އިދިކޮޅުން ބުންޏެވެ.

ހަމައެއާއެކު ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިލްސިލާ މުޒާހަރާތަކެއް އިދިކޮޅުން ކުރަމުންދާއިރު ޔާމީން މިނިވަންވުމާ ހަމައަށް އެ މުޒާހަރާތައް ކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

comment ކޮމެންޓް