އަވަސް ނިޔާގެ ޙުކުމް ކުރަންޖެހޭ މައްސަލައެއް ލަސްކުރިކަމަށް ބުނެ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސްލޫކީ މައްސަލައެއް ބެލުމަށް, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ރަފީޢުއްދީނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސްލޫކީ މައްސަލައެއް ބެލުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް މައްސަލައިގެ ޙުކުމް ކޮށްފައި ނުވާ ކަމަށް ބުނެ ލިބުނު ޝަކުވާއަކާ ގުޅިގެން ކަމަށެވެ.
އެ މާއްދާގައި ބުނާ ގޮތުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، ޙުކުމްކުރުމުގެ މަޖިލިސް، އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.
މިވެރިކަމުގައި އެކުލަވާލި ޖޭއެސްސީން ވަނީ ޝަރުއީ ދާއިރާ އިސްލާހުކުރަން ކަމަށް ބުނެ ގިނަ މެޖިސްޓްރޭޓުންތަކަކާއި ގާޒީން އަދި ފަނޑިޔާރުންގެ ސްލޫކީ މައްސަލަތަކެއް ބަލާ ފިޔަވަޅު އަޅާފައެވެ. އެގޮތުން ބައެއް ގާޒީންނާއި ފަނޑިޔާރުން ސަސްޕެންޑްކޮށް މަގާމުން ވަކިކޮށްފައި ވެސް އެބަހުއްޓެވެ.