ކޯޗުކަމުން ވަކިވިފަހުން ފުރަތަމަ ފަހަރަށް ވެންގާ އާސެނަލްގެ ދަނޑަށް

ވެންގާ އާސެނަލްގެ ދަނޑުގައި --ފޮޓޯ/ގެޓީ އިމޭޖަސް

ކޯޗުކަމުގެ މަގާމުން ވަކިވިފަހުން ފުރަތަމަ ފަހަރަށް، އާސެން ވެންގާ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމަށް ވަދެ މެޗެއް ބަލައިފިއެވެ.

ވެންގާ އެ ދަނޑަށް ވަދެފައި ވަނީ ހޯމަ ދުވަހުގެރޭ އާސެނަލްއިން ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށްކުޅެ 1-3 އިން މޮޅުވި މެޗަށެވެ.

މިއީ 2018 ވަނަ އަހަރު އޭނާ އެންމެފަހުން އާސެނަލް ޓީމަށް އިރުޝާދުދިން މެޗަށްފަހު އެ ޓީމުގެ ދަނޑަށް ވަދެ މެޗު ބެލި ފުރަތަމަ ފަހަރެވެ. އާސެނަލްގެ ކޯޗުކަމުން ވެންގާ އިސްތިއުފާދިން އިރު، ޓީމުގެ މެނޭޖްމަންޓާއި އޭނާއާ ދެމެދު މައްސަލަތަކެއް ޖެހިފައިވެއެވެ.

ހަތަރު އަހަރަށްފަހު ވެންގާ އެމިރޭޓްސް ސްޓޭޑިއަމްއިން ފެނުމުން ގިނަ ބައެއްގެ ޝައުގުވެރިކަން އެކަމަށް ހުއްޓުނުއިރު، އޭނާއަކީ އެ ކުލަބުގެ ތާރީޚުގައި ވެސް އެ ޓީމަށް އެންމެ ގިނަ ދުވަސް ވަންދެން އިރުޝާދުދިން އަދި ޓީމާއެކު އެންމެ ގިނަ ކާމިޔާބީ ހޯދި ކޯޗެވެ.

1996 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ހުރިއިރު، އޭނާ ފާހަގަކުރެވެނީ ޒުވާން ކުޅުންތެރިން ފުޓުބޯޅައިގައި ގަދަރުވެރި ބަޔަކަށް ހަދައި، މޮޅެތި ކުޅުންތެރިންތަކެއް އުފެއްދި ކޯޗެއްގެ ގޮތުގައެވެ. އާސެނަލްއާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރަށް ކާމިޔާބު ކޮށްފައެވެ. އަދި އިނގިރޭސި އެފްއޭ ކަޕް ހަތް ފަހަރަށް ކާމިޔާބުކޮށް، ކޮމިއުނިޓީ ޝީލްޑް ވެސް ހަތް ފަހަރަށް ކާމިޔާބު ކޮށްފައިވެއެވެ.

އާސެނަލްގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު އިތުރު އެހެން ޓީމަކާއެކު ވެންގާ މަސައްކަތް ކޮށްފައި ނުވާއިރު އޭނާ މިހާރު މަސައްކަތްކުރަމުން އަންނަނީ ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯޅް ޑިވެލޮޕްމަންޓުގެ ގޮތުގައެވެ.

comment ކޮމެންޓް