އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީގެ މައްޗަށް ނިއުކާސަލް ޔުނައިޓެޑުން ފަސޭހަކަމާއެކު ކުރިހޯދައިފިއެވެ.
ބައިނަލްއަގްވާމީ ބްރޭކަށްފަހު ނިއުކާސަލް އިން ކުޅުނު ފުރަތަމަ ލީގު މެޗުގައި، ލެސްޓާގެ ދަނޑުގައި އެޓީމުގެ މައްޗަށް ނިއުކާސަލްއިން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ލެސްޓާއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ގިނަ ހަމަލާތަކެއް އުފައްދައި، އެޓޭކިންގް މޮޅު ގޭމެއް ކުޅުނީ ނިއުކާސަލްއިންނެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި އެޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
އެކަމުގެ ހެއްކަކީ ފުރަތަމަ ހާފުގެ ހަތް މިނެޓުގެ ތެރޭގައި އެ ޓީމުން ދެލަނޑުގެ ލީޑެއް ނެގުމެވެ. ފުރަތަމަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ނިއުކާސަލްއިން ލަނޑެއް ޖަހައި ލީޑު ނެގީ، ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ނިއުކާސަލްގެ ޖޮއެލިންޓަންއަށް ލެސްޓާގެ ޑެނިއެލް އަމާޓޭ ކުރި ފައުލަކާ ގުޅުގެން ލިބުނު ޕެނަލްޓީގައި ކްރިސް ވުޑް ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ ހަތަރު މިނެޓުފަހުން މެޗުގެ ހަތްވަނަ މިނެޓުގައި ނިއުކާސަލްގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ބްރޫނޯ ގިމަރޭޒްގެ އެހީގައި ތަނަވަސްވި ފުރުސަތެއްގައި މިގޭލް އަލްމިރޯން އެވެ.
މެޗުގައި އެޓީމުން ޖެހި ތިންވަނަ ލަނޑު ޖޮއެލިންޓަން ކާމިޔާބު ކޮށްދިނީ ޓްރިޕިއާގެ އެސިސްޓަކުންނެވެ.
ބައިނަލްއަގްވާމީ ބްރޭކަށް ދިޔައިރު ވެސް ލީގު ތާވަލުގެ ދެވަނައިގައި އޮތް ނިއުކާސަލްއަށް އަދިވެސް ވަގުތީގޮތުން ތާވަލުގެ ދެވަނަ ލިބެނީ ކުޅުނު 16 މެޗުން 33 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ތިންވަނައިގައި އޮތީ ދެމެދު މަދުން ކުޅެ 32 ޕޮއިންޓު ހޯދާފައިވާ މެންޗަސްޓާ ސިޓީއެވެ. މެޗުން ބަލިވި ލެސްޓާއަށް 16 މެޗުން 17 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 13 ވަނައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އިންވެސް ވަނީ މުހިންމު މޮޅެއް ހޯދާފައެވެ.
ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ މައްޗަށް ބްރައިޓަންއިން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅުގައި ބްރައިޓަންއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑަމް ލަލާނާ އެވެ. މި ހާފުގެ 35 ވަނަ މިނެޓުގައި ބްރައިޓަންއަށް ލީޑު ފުޅާވީ، ސައުތެމްޕްޓަނުގެ ރޮމައިން އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ބްރައިޓަންއިން ދެވަނަ ހާފު ފެށިއިރު މި ހާފުގެ ވެސް ވަރަށް ކުރީކޮޅު އެޓީމުން އިތުރު ލަނޑެއް ޖަހާފައި ވެއެވެ. މެޗުގެ 56 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކޮށްދިނީ ސޮލީ މާޗް އެވެ.
މެޗުގައި ސައުތެމްޕްޓަންގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޖޭމްސް ވާޑް ޕްރައުސްއެވެ.
މި ނަތީޖާއާއެކު ބްރައިޓަން ވަނީ ތާވަލުގެ ހަވަނައިގައި އޮތް ލިވަޕޫލާ އެފަރަގު ކުޑަކޮށްފައެވެ. ބްރައިޓަންއަށް ވަނީ 15 މެޗުން 24 ޕޮއިންޓު ލިބިފައެވެ. މެޗުން ބަލިވި ސައުތެމްޕްޓަން، ތާވަލުގެ ފުލުގައި އޮތީ 16 މެޗުން 12 ޕޮއިންޓާއެކުއެވެ.