މިއަހަރުގެ މިހާތަނަށް ވީއައިއޭއަށް އެންމެ ބާރުބޮޑުވީ މިއަދު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި ހުރި ބޯޓުތަކެއް-- ފޮޓޯ:އެމްއޭސީއެލް

ކްރިސްމަސް ބަންދާއި އައު އަހަރާ ދިމާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ފްލައިޓް ޝެޑިއުލަށް ބަލާއިރު، މިއަދު ފާހަގަކުރެވިފައިވަނީ މިއަހަރުގެ މިހާތަނަށް އެންމެގިނަ ބައިނަލްއަޤްވާމީ ފްލައިޓް ޖެއްސި ދުވަހުގެ ގޮތުގައެވެ.

މިގޮތުން މިއަދު ވަނީ، 50 އަށް ވުރެ ގިނަ އިންޓަރނޭޝަނަލް ފްލައިޓު ޖައްސާފައެވެ. މި ފްލައިޓުތަކުން މިއަދު އެކަނިވެސް 7500 އަށްވުރެ ގިނަ ފަތުރުވެރިން އަންނާނޭކަމަށް ލަފާކުރެވެއެވެ.

މިކަމާއި ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ކޮމިއުނިކޭޝަންސް މެނޭޖާ ޝަމްއާން ޝާކިރު ވިދާޅުވީ، މިއަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބިޒީ ދުވަހެއް ކަމަށާއި، ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރާ ދިމާކޮށް ރާއްޖެ އަންނަ ފްލައިޓުތައް އިތުރުވެ، ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް ވަރަށްބޮޑަށް އިތުރުވާކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެންމެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، މިދިޔަ ހުކުރުދުވަހުއެވެ. އެދުވަހު 7085 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން ޖެހިގެން އައި ހޮނިހިރު ދުވަހު 6809 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އާދިއްތަދުވަހު ރާއްޖެއަށް 6473 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

ވީއައިއޭގައި ޕާކުކޮށްފައި ހުރި ޕްރައިވެޓް ޖެޓުތަކެއް -- ފޮޓޯ/އެމްއޭސީއެލް

ކޮންމެ އަހަރެއްގެވެސް ޓޫރިޒަމްގެ އެންމެ ހައި ސީޒަނާއި ދިމާކޮށް ރާއްޖެ އަންނަ ބައިނަލްއަޤްވާމީ އެއާލައިންތައް ވަރަށްބޮޑަށް އިތުރުވެއެވެ.

މީގެ އިތުރުން މިދުވަސްވަރާއި ދިމާކޮށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައްވެސް އާދެއެވެ. އެއާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަރަށްބޮޑުތަން އިތުރުވެއެވެ.

މިއަހަރުގެ ޓޫރިޒަމް ހައި ސީޒަނާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން މިދިޔަ ދެ އަހަރު ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ.

comment ކޮމެންޓް